އަހުމަދު މަހްލޫފު

މަހްލޫފްގެ މައްޗަށް ދައުވާ އުފުލައިފި

Nov 24, 2021
2

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މަހްލޫފްގެ މައްޗަށް މިއަދު ދައުވާކޮށްފައިވާ ކަން ޕީޖީ އޮފީހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. މަހްލޫފްގެ މައްޗަށް ދައުވާކުރީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

އޭސީސީން މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިއަހަރުގެ ޖޫން ނުވަވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި މަހްލޫފްގެ މައްޗަށް ދައުވާކޮށްފައި މިވަނީ އެ މައްސަލާގައި ދައުވާކުރުން ލަސްވެ އެތައް ބައެެއްގެ ފާޑުކިޔުން ޕީޖީ އަށް އަމާޒުވެފައި ވަނިކޮށެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން އޭސީސީން މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ޔޫތު މިނިސްޓަރު ކަމުން މަހްލޫފް ސަސްޕެންޑް ކުރައްވާފަ އެވެ. ރައީސް ސޯލިހް، މަހްލޫފްގެ ސަސްޕެންޝަން އުވާލެއްވެވީ ވެސް ދައުވާކުރުން ވަރަށް ބޮޑަށް ލަސްވުމުން މިދިޔަ އޮކްޓޫބަރު ނުވަވަނަ ދުވަހު އެވެ.

މަހްލޫފަށް ދައުވާކުރަން ފޮނުވުމަށްފަހު އޭސީސީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަން އެނގޭ ކަމަށެވެ.

ބިލް ފާސްކުރަން ވޯޓު ދެއްވުމަށްޓަކައި އޮގަސްޓް 27، 2014ގައި މަހްލޫފް މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވީ މެލޭޝިޔާގައި ހުންނެވުމަށްފަހު ސީދާ ވޯޓަށް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ބިލް ފާސްކުރަން މަހްލޫފް ވޯޓު ދީފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"އެ ވޯޓަށް ފަހު އަހްމަދު އަދީބު އަބްދުލްޣަފޫރު (ހ.ސާމަރާ / މާލެ) އާއި އަހްމަދު މަހްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ." ބަޔާނުގައިވެ އެވެ.

އޭސީސީ ބުނީ މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އަކީ، ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެ އެސްއޯއެފް ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމެއް މަހްލޫފްގެ ފަރާތުން އޭސީސީ އަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ތަހުގީގުން ބެލިބެލުމުން އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގެން ނެތް ކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެ ފައިސާ އަކީ އަދީބުގެ ކިބައިން ރިޝްވަތުގެ ގޮތުގައި މަހްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހްގީގަށް ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގޭ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

އޭސީސީގެ ބަޔާނާ ގުޅިގެން މަހްލޫފް މީގެކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭސީސީން ބުނާ ފައިސާ އަކީ މަހްލޫފްގެ އާއިލާ އިން "ދަ ޖީންސް"ގެ ނަމުގައި ފިހާރައެއް ހިންގި ދުވަސްވަރު އޭނާގެ އެއްބަފާ ކޮއްކޮ ގ. ހާފްސީ އަލީ މުބީން މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް ކަމަށެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ވެސް އަދި އެ މައްސަލާގައި އޭނާއާ މެދު މިހާތަނަށް އަމަލުކޮށްފައިވާ ގޮތަކީ ވެސް ސިޔާސީ ކަމެއްގެ ތެރެއިން ކުރަމުންދާ ކަންތައްތަކެއް ކަމަށްވެސް މަހްލޫފް ވިދާޅުވެފައިވެ އެވެ.