ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކްރިމިނަލް ކޯޓް

މަހުލޫފް މައްސަލަ ފަށާނީ ކޮވިޑް ހާލަތު ރަގަޅުވުމުން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ފަށާނީ ކޮވިޑްގެ ހާލަތު ރަގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމަށް އެންމެ ފުރަތަމަ ތާވަލު ކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އެކަމަކު އިދާރީ މައްސަލައެއް ޖެހުމުން އެދުވަހުގެ އަޑުއެހުން ކެންސަލް ކޮށްލީ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތައް ކޯޓަށް ހާޒިރުކޮށްގެން ކަމަށެވެ. އެހެންކަމުން ކޮވިޑް-19 ގެ ހާލަތު ރަގަޅުވުމުން މައްސަލަ ޝެޑިއުލް ކުރާނެ ކަމަށެވެ.

ކޯޓުން މިހެން ބުނި ނަމަވެސް މިހާރު ވެސް ގިނަ މައްސަލަތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.

މަހުލޫފުގެ މައްޗަށް ދައުވާ އުފުލާފައިވީ ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. މަހުލޫފު ގެންދަވަނީ ރަސްމީ ދަތުރުތަކުގައި އެކި ކަންކަމަށް އަތޮޅުތެރެއަށް ދަތުރުކުރައްވަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ވެސް މަހުލޫފު އަންނަނީ ބައެއް ރަށްރަށަށް ވަޑައިގަންނަވަމުންނެވެ.

މަހުލޫފުގެ މައްޗަށް ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަން ފާހަގަކުރެވިގެންނެވެ.

އޭސީސީން ބުނެފައި ވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަމަށެވެ.

ބިލް ފާސްކުރަން ވޯޓު ދެއްވުމަށްޓަކައި އޮގަސްޓް 27، 2014 ގައި މަހްލޫފް މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވީ މެލޭޝިޔާގައި ހުންނެވުމަށްފަހު ސީދާ ވޯޓަށް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ބިލް ފާސްކުރަން މަހްލޫފް ވޯޓު ދީފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.