ދުނިޔެ

ޑިމޮކްރަސީ ސަމިޓް ބާއްވަނީ ދުނިޔެ ބައިބައި ކުރަން: ޗައިނާ

އެމެރިކާއިން އިންތިޒާމު ކޮށްގެން ބާއްވާ ޑިމޮކްރަސީ ސަމިޓްގެ ސަބަބުން ދުނިޔެ ބައިބައިވުން ނޫން ކަމެއް ނުވާނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވެއްޖެ އެވެ.

ވާންގް ޔީ ވިދާޅުވި ގޮތުގައި ޑިމޮކްރަސީ ނަންބޯޑު ޖަހައިގެން އެމެރިކާއިން ކުރަން އުޅޭ ކަމަކީ ދޭތެރެ ޖެއްސުމެވެ. އެމެރިކާއަށް ބައިއަޅާ ގައުމުތަކުގެ މެދުގައި ސަމިޓެއް ބާއްވައި ޑިމޮކްރަސީގެ ރޫހު އާވެއްޖެ ކަމަށް ބުނުމަކުން އެމެރިކާއަކީ ކުށެއް ނެތް ގައުމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ވެސް ރެނދު އަޅާފައި އޮތް ގުޅުން އިތުރަށް ގޯސްވުން ނޫން ކަމެއް ސަމިޓަކުން ހާސިލެއް ނުވާނެ އެވެ. ޑިމޮކްރަސީއަކީ ސުލްހަ ދެމެހެއްޓުމަށް ބާރު އަޅާ ނިޒާމެއް ކަމަށް އެމެރިކާއިން ބުނާއިރު، އެއީ ހަމައެކަނި ބުނުމެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ވާންގް ޔީ މި މޭރުުމުން ވާހަކަ ދައްކާވާފައި ވަނީ ޑިސެމްބަރު 9 އިން 10 އަށް އޮންލައިކޮށް ބާއްވަން އެމެރިކާއިން ރާވަމުން ގެންދާ ޑިމޮކްރަސީ ސަމިޓަށް 110 ގައުމަކަށް ދައުވަތު ދީފައި ވަނިކޮށެވެ. މި ސަމިޓަށް ޓައިވާނަށް ދައުވަތު ދިން ނަަމަވެސް ޗައިނާއަކަށް ނުދެ އެެވެ.

އެމެރިކާއިން ޓައިވާނާ މުއާމަލާތްކުރާ ގޮތުން މިހާރު ހީވަނީ ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް ގަބޫލުކުރާހެނެވެ. އެހެން ނަމަވެސް ޗައިނާއިން ބުނަނީ އެއީ ޗައިނާގެ ޕްރޮވިންސެއް ކަމަށާއި ވަކި ސަރުކާރަކުން ހިންގުން މައްސަލައެއް ނޫން ކަމަށެވެ.

ޗައިނާއިން ބުނާ ގޮތުން އެމެރިކާގެ ގަސްދަކީ ޓައިވާން ލައްވައި ގޯހެއް ހެއްދުމެވެ. އަދި ޗައިނާއާ ވަރަށް ކައިރީގައި ޗައިނާ ދެކެ ރުޅިއަރާ ބަޔަކު އުފެއްދުމެވެ. މިކަމުން އާހިރުގައި ނިކަމެތިކަން ލިބޭނީ ޓައިވާނަށް ކަމަށް ވެސް ޗައިނާއިން ބުނެ އެވެ.