ހަބަރު

ނާޒިމްގެ އެޕާޓްމެންޓުން ގެންދިޔައީ ސީރިޔާ އަށް ބަޔަކު ފުރަން ހުއްދަ ދޭން އަދީބު އަންގާފައި އޮތް ސިޓީއެއް: ނަޝީދު

Jan 18, 2015
4

ރޭ ދަންވަރު ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެ ފާސްކޮށް، އެތަނުން ފުލުހުން ގެންގޮސްފައިވަނީ ނާޒިމް ޗުއްޓީގައި ހުންނަވަނިކޮށް ސީރިޔާ އަށް ދާން އުޅުނު ބަޔަކު ނުހުއްޓުވަން އިމިގްރޭޝަނަށް އަންގާފައި އޮތް ސިޓީއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އަބޫދާބީއަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ނަޝީދު ވިދާޅުވީ ނާޒިމްގެ އެޕާޓްމެންޓުން ފުލުހުން ގެންގޮސްފައިވަނީ މިދިޔަ ޑިސެމްބަރު މަހު ނާޒިމް ޗުއްޓީގައި ހުންނަވަނިކޮށް ސީރިޔާ އަށް ދާން އުޅުނު ބަޔަކު ނުހުއްޓުވުމަށް އޭރު ޑިފެންސް މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު އަދީބު އިމިގްރޭޝަނަށް އަންގަވާފައި އޮތް ސިޓީއެއް ކަމަށެވެ. އަދި ޗުއްޓީއަށް ފަހު މިނިސްޓްރީ ހިންގެވުމާ ނާޒިމް އަލުން ހަވާލުވެ ވަޑައިގެން އެ މައްސަލައިގެ ތަހުގީގެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ސީރިއާ ގޮސްފައި މިވަނީ ރިލްވާން ގެއްލުމާއި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި އެކި ފަހަރުމަތިން ތަހުގީގަށް ހާޒިރު ކުރެވިފައި ތިބި ބައެއް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވެސް މިކަމުގައި ވަރަށް ބޮޑު ސިއްރެއް އެކުލެވިފައިވާ ކަމެއް. މިކަންކަން ވެސް ސާފުވާންޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ނާޒިމްގެ އެޕާޓްމެންޓް ފާސް ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ އާންމު އުސޫލާ ވެސް ޚިލާފަށް ކަމަށެވެ. އެގޮތުން ބަލާ ފާސް ކުރާއިރު މީޑިއާއަށް އެކަން އަންގާ ނަމަވެސް ނާޒިމްގެ އެޕާޓްމެންޓް ފާސް ކުރިއިރު އެކަން އެގޮތަށް ކޮށްފައި ނުވާ ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި އެކަށީގެންވާ ވަރުގެ ހެކި ލިބިގެން ނޫނީ ކޯޓު އަމުރެއް ހޯދުމަށް ފުލުހުން ކޯޓުގައި ނުވެސް އެދޭނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ ނާޒިމާ މެދު ފުލުހުން ކުރާ ތުހުމަތުތަކާ މެދު ނަޝީދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދައިފަ އެވެ.

"ފުލުހުންގެ ކޮން ތަހުގީގަކުންތޯ ފުލުހުންނަށް އެ މައުލޫމާތު ލިބިލެއްވީ. އެވެސް އަޅުގަނޑުމެންނަށް މިހާރު ސާފުވާންޖެހޭ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ފުލުހުންގެ ތެރެއިން ގާނޫނާ ޚިލާފަށް އެފަދަ ކަންތައްތައް ކުރާ ފަރާތްތައް ފާހަގަކުރެވިފައިވާ ކަމަށާއި އެހެންވެ އެކަން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވެސް ބަލަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ އަމަލުފުޅުތައް ހުރިގޮތުން އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވަންޖެހޭ ހިސާބަށް ކަންކަން މިހާރު ވަނީ ގޮސްފައިވާ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމް ދިފާއުގައި ނިކުތުމަށް އެމްޑީޕީން ނިންމީ ވަރަށް މަތިވެރި އުސޫލަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.