ބޮލީވުޑް

ދިޝާ ނޭފަތް ރީތި ކުރަން ސާޖަރީެއް!

ސަލްމާން ޚާންގެ "އަންތިމް: ދަ ފައިނަލް ޓްރުތު" ގެ ފުރަތަމަ ޝޯގައި ދިޝާ ޕަޓްނީ ބައިވެރިވެފައި ވެއެވެ. ފިލްމުގެ ސްކްރީނިން އޮތް ސިނަމާއަށް ދިޝާ ދިއުމާއެކު ގިނަ މީހުނަށް އެއްކަމެއް ފާހަގަވި އެވެ. އޭނާގެ ސިފަޔަށް އައިސްފައިވާ ބަދަލެވެ. އެއާއެކު އޭނާ ނޭފަތް ރީތި ކުރަން ސާޖަރީއެއް ހެދިކަމުގެ ވާހަކަތައް ވަނީ ދެކެވެން ފަށާފަ އެވެ.

ރީނދޫ ކުލައިގެ މައްޗަކާއި ނޫ ޖީންސެއް ލައިގެން ހުރި ދިޝާ މި އިވެންޓުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އޭނާއަށް ފާޑުކިޔައި މަލާމާތް ކުރުމުގެ އޮއިވަރެއް ވެސް މިހާރު ވަނީ ހިނގައި ގަނެފަ އެވެ. ގިނަ ބަޔަކު ބުނަނީ ދިޝާ ފެންނަ ގޮތް ވަރަށް ބޮޑަށް ތަފާތު ވެފައިވާ ކަމަށެވެ. އަދި ފާޑުކިޔާ މީހުން ޝައްކު ކުރަނީ ދިޝާ ނޭފަތް ނުވަތަ ތުންފަތް ރީތި ކުރަން ކޮންމެވެސް ކަހަލަ ސާޖަރީއެއް ހަދާފައި ހުރި ކަމަށެވެ.

"އަނެއްކާ އަނެއް ބަތަލާ މޫނު ހަލާކު ކޮށްލީ އެ. އޭނާ [ދިޝާ] ގެ ސިފަ އެހެރީ ވަރަށް ބޮޑަށް ތަފާތުކޮށް،" ފާޑުކިޔާ މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ. ދެވަނަ މީހަކު ބުނީ ޔަގީނުން ވެސް ސާޖަރީއެއް ހަދައިފި ކަމަށެވެ. އަދި މި މީހާއަށް ތާއީދުކޮށް ކޮމެންޓުކުރި މީހަކު ބުނީ ނޭފަތް ނޫނީ މަތީ ތުންފަތަށް ގޮތެއް ހަދާފައި ހުރިކަމަށެވެ.

ދިޝާ އެންމެ ފަހުން ފެނިފައި ވަނީ ސަލްމާން ޚާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" އިންނެވެ. އަދި މިހާރު ކުޅެމުން ދަނީ މޯހިތު ސޫރީ ޑައިރެކްޓްކުރާ "އޭކް ވިލަން ރިޓާންސް" އެވެ. މި ފިލްމުގައި އޭނާއާއެކު ޖޯން އަބްރަހަމް އާއި އަރްޖުން ކަޕޫރު އަދި ތާރާ ސުތާރިއާ މައިގަނޑު ރޯލުތައް ކުޅޭނެ އެވެ.