ބޮލީވުޑް

ދިޝާ އަކީ ގާތް އެކުވެރިއެއް: އެލެގްޒެންޑާ

ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓްނީގެ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވީ ލޯތްބަށް ނިމުން އައިސް ދެ މީޙުން ރުޅިވި ޚަބަރުތައް ފެތުރެން ފެށީ މިއަހަރުގެ ކުރީކޮޅު އެވެ. ޓައިގާ އާއި ދިޝާ އެހާ ގިނަ ދުވަހު ރައްޓެހިވެގެން އުޅުނުއިރުވެސް މީޑިއާގައި އަބަދުވެސް ބުނަނީ އެމީހުންނަނީ "ގާތް ދެ އެކުވެރިން" ކަމަށެވެ. ނަމަވެސް އޭރު ދެ މީހުން އެކުގައި ބޭރު ގައުމުތަކުގައި ޗުއްޓީ ހޭދަކުރާ ތަނާއި ރެސްޓޯރަންޓްތަކަށް ކާން ގޮސް އުޅޭތަން ފެނިފައި ވެއެވެ. އަދި އެމީހުން ރުޅިވި ޚަބަރު ފެތުރުނުފަހުން ދެ އެކްޓަރުން އެކުގައި އެއްގޮތަކަށް ވެސް ނުފެނެ އެވެ.

މިހާރު ދިޝާ އަބަދުވެސް ފެންނަނީ އެލެގްޒެންޑާ އެލެކްސް ކިޔާ މީހަކާ އެކު އުޅެނިކޮށެވެ. ދެ މީހުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު ދިޝާގެ އާ ލޯބިވެރިޔަކީ އެލެގްޒެންޑާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެލެގްޒެންޑާ އަކީ ސާބިއާގެ މޮޑެލް އެކެވެ. އޭނާ އާއި ދިޝާއާ އަޅުވާ ކިޔާތީ އެލެކްޒެންޑާ ވަރަށް ފަހުން ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ދިޝާ އާއި އޭނާ އަކީ "ގާތް ދެ އެކުވެރިން" ކަމަށެވެ.

ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި އެލެގްޒެންޑާ ބުނީ ދިޝާ އާއި އޭނާ ވަރަށް ކުރިންސުރެ ރައްޓެހި ކަމަށެވެ. އަދި ދިޝާ އަކީ އާއިލާގެ މެންބަރެއް ފަދަ މީހެއް ކަމަށެވެ.

"އަހަރެމެން ދެ މީހުން ކުރެ މީހަކު މާބޮޑަށް ދެރަވާ ކަހަލަ ކަމެއް ދިމާވެއްޖެނަމަ އަބަދުވެސް އެކަކު އަނެކަކާ ގުޅަން. އަދި އަހަރެމެން އަބަދުވެސް އެކަހަލަ ދަނޑިވަޅުތަކުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުވަން،" އެލެގްޒެންޑާ ބުންޏެވެ.

އެލެގްޒެންޑާ ބުނީ ޓައިގާ ޝްރޮފް އާއި އޭނާގެ ވެސް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. ނަމަވެސް ދިޝާ އާއި ޓައިގާގެ ވާހަކަ ދައްކަން އޭނާ ދެކޮޅު ހެދި އެވެ.