ފިނިޕޭޖް

ދިޝާއާއެކު އުމުރުގެ ތަފާތު ނުފެނޭ: ސަލްމާން

އަންނަ ފިތުރު އީދުގައި ރިލީޒް ކުރަން ތައްޔާރުވެފައިވާ ސަލްމާން ހާންގެ އާ ފިލްމު "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ގެ ބަތަލާއަކީ ސަލްމާނަށް ވުރެ އެތައް ގުނައެއް ހަގު ބަތަލާއެއް ކަމަށްވާ ދިޝާ ޕަޓްނީ އެވެ. އެހެންވެ ފިލްމުގެ ފުރަތަމަ ޓްރެއިލާ ރިލީޒް ކުރުމާއެކު ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ސަލްމާނަށް މަލާމާތްކޮށް ތަފާތު ކޮމެންޓުތައް ކުރަން ފެށި އެވެ. ސަލްމާން އަބަދު ވެސް އޭނާއަށް ވުރެ މާ ހަގު ބަތަލާއިންނާއެކު ފިލްމު ކުޅެނީ ޅަ ވާހިތުން ކަމަށް ބުނެ އެވެ.

"ރާދޭ" ގެ މޭކިން ވީޑީއޯގައި ސަލްމާން ވަނީ ފާޑުކިޔާ މީހުންނަށް ޖޯކު ޖަހައި ވާހަކަ ދައްކާފަ އެވެ. ސަލްމާން ބުނީ އޭނާ އާއި ދިޝާގެ ހަގީގީ އުމުރުގައި 27 އަހަރުގެ ތަފާތެއް ހުއްޓަސް ފިލްމުގައި އެ ދެ އެކްޓަރުން ފެންނަނީ އެއް އުމުރެއްގެ ދެ މީހުންގެ ގޮތުގައި ކަމަށެވެ. ފިލްމުން ފެންނައިރު ދިޝާ ހާ އޭނާ ވެސް ޅަ ކަމަށެވެ.

ސަލްމާނަށް މިހާރު މީ 55 އަހަރެވެ. ދިޝާގެ އުމުރަކީ 28 އަހަރެވެ.

"ހާދަ މޮޅޭ އެ ފލްމުގައި އޭނާ [ދިޝާ]. އަދި ވަރަށް ރީތި ވެސް މެ. އަހަރެމެން ދެ މީހުން ހީވަނީ ހަމަ އެއް އުމުރެއްގެ ދެ މީހުން ހެން. ނޫން، ނޫން. އަހަރެން ހީވަނީ އޭނާގެ އުމުރުގެ ޒުވާނެއް ހެން،" ޖޯކަކަށް ހަދާފައި ސަލްމާން ބުނެފައި ވެއެވެ.

ސަލްމާން ބުނީ މިހާރު އޭނާ ހުރި އުމުރުގައި ހުރެ އެކްޝަން މަންޒަރުތައް ކުޅެވޭނަމަ ރޮމޭންސް ނުކުރެވޭނެ ސަބަބެއް ވެސް ނެތް ކަމަށެވެ.

"ރާދޭ" ގެ މިހާތަނަށް ރިލީޒްކުރި ދެ ލަވައިން އެއް ލަވައިގައި ސަލްމާނާއި ދިޝާގެ ތުންފަތާއި ތުންފަތް ޖެހޭ ތަން ފެނެ އެވެ. މިއީ މިހާތަނަށް ސަލްމާން އަމަލު ކުރަމުން އައި "ނޯ ކިސިން ޕޮލިސީ" އާ ތަފާތު ކަމެކެވެ. އެހެންވެ މިކަމާ ވެސް ވަރަށް ގިނަ ބަޔަކު އޭނާއަށް ޓްރޯލް ކުރި އެވެ. އަދި މިއީ އަސްލު މަންޒަރެއް ނޫންކަން ވެސް މި ލަވަ ބެލި ގިނަ ބަޔަކަށް ފާހަގަ ކުރެވިގެން އެ ވާހަކަ ވެސް ދެއްކި އެވެ.

"ރާދޭ" މޭކިން ވީޑިއޯގައި ސަލްމާން ވަނީ މި މަންޒަރާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި ލަވަ ބެލި ގިނަ ބަޔަކަށް ފާހަގަ ކުރެވުނު ފަދައިން ހަގީގަތުގައި ވެސް އެ މަންޒަރުގައި ދިޝާގެ ތުންފަތުގައި ޑަކްޓް ޓޭޕް ތަތްކޮށްފައި ހުއްޓެވެ. އެހެންވެ އޭނާގެ ތުންފަތް ގޮސް ޖެހެނީ އެ ޓޭޕްގަނޑުގައި ކަމަށާއި ދިޝާގެ ތުންފަތުގައި ނޫން ކަމަށް ސަލްމާން ބުންޏެވެ. އަދި "ނޯ ކިސިން ޕޮލިސީ" އާ އޭނާ ހިލާފު ނުވާ ކަމަށް ވެސް ސަލްމާން ބުންޏެވެ.

ދިޝާ ބުނި ގޮތުގައި މި ފިލްމުގައި ސަލްމާން ކުޅެނީ 20 ގެ އަހަރުތައް ގުނަމުންދާ އެކްޓަރެއްގެ ރޯލު ކަމަށާއި އެ ރޯލާ އެއްވަރަށް ސަލްމާންގެ ސިފައަށް ވެސް ޅަ ކަން ގެނެސްފައިވާ ކަމަށެވެ. ވީމާ އޭނާ އާއި ސަލްމާންގެ އުމުރުގެ ތަފާތުކަން ފިލްމުން އެއްގޮތަކަށް ވެސް ނުފެންނަ ކަމަށެވެ.