ބޮލީވުޑް

"ސީޓީ މާރް"ގައި ދިޝާ ޑަމްބެލްއަކަށް ހެދީ ސަލްމާން: ޕްރަބޫދޭވާ

ސަލްމާން ޚާންގެ އާ ފިލްމު "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ގެ ފުރަތަމަ ލަވަ "ސީޓީ މާރް" މީގެ ދެ ތިން ދުވަހެއް ކުރިން ވަނީ ރިލީޒް ކޮށްފަ އެވެ. ސަލްމާންގެ ގިނަ ލަވަތަކުގައި ފަދައިން މި ލަވައިގައި ވެސް ހުރީ ވަރަށް ހެއްވާ މަޖާ ސްޓެޕް ތަކެކެވެ. މި ނެށުމުގައި އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ އިންސާނީ ޑަމްބެލްއަކަށް ދިޝާ ޕަޓްނީ ހަދައިގެން ސަލްމާން ނަށާ މަންޒަރެވެ.

މި ލަވައިގެ މަންޒަރުތައް ނެގި ގޮތް ދައްކުވައިދޭ "ބިހައިންޑް ދަ ސީންސް" ވީޑިއޯގައި ފިލްމުގެ ޑައިރެކްޓަރު ޕްރަބޫ ދޭވާ ބުނެފައިވާ ގޮތުގައި ދިޝާ ޑަމްބެލްއަކަށް ހެދުމުގެ ޚިޔާލަކީ ސަލްމާނުގެ އަމިއްލަ ޚިޔާލެކެވެ.

"ސީޓީ މާރް" އަކީ ނެށުމަށް ހާއްސަ ލަވައެއް ކަމަށް ޕްރަބޫ ބުންޏެވެ. އަދި ވަރަށް އުނދަގޫ ސްޓެޕްތައް ވެސް ސަލްމާން ދަސް ކުރި ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.

"ލަވައިގެ ޝޫޓިންގްގައި ކުއްލިއަކަށް ނަށަ ނަށާ ހުރެފައި ސަލްމާން ހުއްޓިފައި ބުނެފި ޕްރަބޫ އޭ އަހަރެން ދެން ހަދާނީ ވެއިޓް ލިފްޓިން އޭ ދިޝާ އުފުއްލާލައިގެން،" ޕްރަބޫދޭވާ ބުންޏެވެ.

މި ވީޑީއޯގައި ވާހަކަ ދައްކަމުން ދިޝާ ބުނީ ސަލްމާނާއެކު މަސައްކަތް ކުރުމުގައި ވަރަށް މަޖާ ވަގުތުތަކެއް ހޭދަ ކުރެވުނު ކަމަށެވެ.

"އޭނަ [ސަލްމާން] ނަށަނީ އެއްވެސް މީހަކު ބަލަން ހުރިކަން ނޭނގި ނަށާ ގޮތަށް. އޭނަ ނަށާ ގޮތަކަށް އެހެން އެއްވެސް މީހަކަށް ނެށޭނެހެނެއް ހިޔެއް ނުވޭ،" ދިޝާ ބުންޏެވެ.

"ރާދޭ" އަކީ ސަލްމާން އާއެކު ދިޝާ ބައިވެރިވާ ދެ ވަނަ ފިލްމެވެ. މީގެ ކުރިން ދިޝާ ވަނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރްގެ "ބާރަތު" ގައި ސަލްމާނާއެކު ބައިވެރި ވެފަ އެވެ.

ރާދޭގައި ރަންދީޕް ހޫޑާ އާއި ޖެކީ ޝްރޮފް ވެސް ވަރަށް މުހިއްމު ރޯލުތަކެއް ކުޅެ އެވެ.

މި ފިލްމު އަންނަ މަހުގެ 13 ވަނަ ދުވަހު، ފިތުރު އީދު ދުވަހު ރިލީޒް ކުރަން ވަނީ ހަމަޖެހި ފައެވެ. ފިލްމު ރިލީޒްކުރަނީ މިހާތަނަށް އެއްވެސް ފިލްމެއް ރިލީޒް ކޮށްފައި ނުވާ ފަދަ ގޮތަކަށެވެ. އެގޮތުން ބޮޑު ސްކްރީނުގައި ފިލްމު އެޅުވުމުގެ އިތުރުން އޯޓީޓީ ޕްލެޓްފޯމްގައި ވެސް ހަމަ އެ ދުވަހު އަޅުވާނެ އެވެ. އަދި ޑީޓީއެޗް އޮޕަރޭޓަރުން ކަމަށްވާ ޑިޝް، ޑީ2އެޗް، ޓާޓާ ސްކައި އަދި އެއާޓެލް ޑިޖިޓަލް ޓީވީން ވެސް އީދު ދުވަހުން ފެށީގެން މި ފިލްމު ފައިސާ ދީގެން ބެލޭނެ އެވެ.