ބޮލީވުޑް

ދިޝާ ޖެކީއަށް ގޮވަނީ ކޮން ނަމަކުން؟

ސަލްމާން ޚާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ގައި ޖެކީ ޝްރޮފް ކުޅެނީ އެ ފިލްމުގެ ބަތަލާ ދިޝާ ޕަޓްނީގެ ކެރެކްޓާގެ ބޭބެގެ ރޯލެވެ. ނަމަވެސް އަސްލު ދިރިއުޅުމުގައި ޖެކީއަކީ ދިޝާގެ ވާން އުޅޭ ބަފައިބެ އެވެ. ޖެކީގެ ދަރިފުޅު ޓައިގާ ޝްރޮފް އާއި ދިޝާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވަރަށް ގިނަ އަހަރު ތަކެއް ވަނީ ވެފަ އެވެ. މި ދެ ތަރިން މީޑިއާގައި އެ ވާހަކަ ނުބުންޏަސް ދެ މީހުން އެކުގައި ހޭދަ ކުރާ ޗުއްޓީތަކުން މި ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އޮންނަ ކަން ޔަގީން ކުރެވެ އެވެ.

"ރާދޭ" ގެ ޕްރޮމޯޝަން އިވެންޓެއްގައި ނޫސްވެރިއަކު ޖެކީއާ ކުރި އެއް ސުވާލަކީ ފިލްމު ސެޓުގައި ދިޝާ އޭނާއަށް ގޮވަނީ ކީކޭ ކިޔާފައި ހެއްޔެވެ؟ ދިޝާ ގޮވަނީ ސާ އޭ ހެއްޔެވެ؟ ނޫނީ ޖެކީ އަންކަލް އޭ ހެއްޔެވެ؟ ނޫނީ އެހެން ވަކި ހާއްސަ ނަމަކުން ހެއްޔެވެ؟

މި ސުވާލަށް ޖަވާބު ދެމުން ޖެކީ ބުނީ ފިލްމު ސެޓުގައި އެކަކު އަނެކަކަށް ނަމުން ގޮވާ ނޫޅޭ ކަމަށެވެ.

"ދެ މީހަކު ވާހަކަ ދައްކާއިރު އަބަދު އެކަކު އަނެކަކަށް ނަމުން ގޮވައެއް ނޫޅޭނެ އެއްނު. ނަމަވެސް ބައެއް ފަހަރު ދިޝާ އަހަންނަށް 'ސާ' އޭ ކިޔާފައި ގޮވާ އަޑު އިވިފައި އެބަހުރި. އަންކަލްއަކީ ވަރަށް ތަފާތު ބަހެއްނު. ވީމާ އެހެނެއް ނުގޮވާނެ އެއްނު. އަންކަލް އޭ ބުނީމަ އެވަނީ ބޮޑުބޭބެ އަކަށްނު. ދެ މީހުންގެ އާއިލާއަކީ މުޅިން ވަކި ދެ އާއިލާއެއް ވީމަ އަހަރެންނަކީ އޭނާގެ ބޮޑުބޭބެ އަކަށް ނުވާނެއެއްނު،" ޖެކީ ބުންޏެވެ.

ޓައިގާ އާއި ދިޝާ އެ މީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ މީޑިއާގައި ނުދެއްކިޔަސް 2019 ގައި ޖެކީ ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

މުމްބައި މިރާ އަށް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޖެކީ ބުނެފައި ވަނީ ފަހަރެއްގައި ޓައިގާ އާއި ދިޝާ ކުރިމަގުގައި ކައިވެނި ކޮށްފާނެ ކަމަށެވެ. ނޫންނަމަ ގާތް އެކުވެރިންގެ ގޮތުގައި އުމުރު ހޭދަކޮށްފާނެ ކަމަށެވެ.

"ޓައިގާ އަށް އޭނާގެ ފުރަތަމަ އެކުވެރިޔާ ލިބުނީ އުމުރުން 25 އަހަރުގައި. އެއީ އަންހެން ކުއްޖެއް. އޭނާއާއެކު މިހާތަނަށް ވެސް އެ އުޅެނީ،" މުމްބައި މިރާއަށް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޖެކީ ދިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ޖެކީ ބުނި ގޮތުގައި ޓައިގާ އާއި ދިޝާ ޝައުގު ހުންނަނީ ވަރަށް އެއްކަހަލަ ކަންތައް ތަކަކަށެވެ. ކަސްރަތު ކުރުން، ޑާންސް ކުރުން ފަދަ ކަންކަމަށެވެ. ދެ މީހުންނަށް އެހާ ގުޅިގެން އުޅެވެނީ އެހެންވެ އެވެ.

"ނޭނގެ ފަހުން ވާނެ ގޮތެއް ބުނާކަށް. ދެ މީހުން ކައިވެނި ކުރަން ވެސް ޚިޔާލު ކޮށްފާނެ. ނޫނީ ގާތް އެކުވެރިންގެ ގޮތުގައި މުޅި އުމުރު ތިބެދާނެ،" ޖެކީ ބުންޏެވެ.

"ރާދޭ" އަކީ ދިޝާ އާއި ޖެކީ އެކުގައި ބައިވެރިވާ ފުރަތަމަ ފިލްމެވެ. ޕްރަބޫދޭވާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމު އަންނަ ފިތުރު އީދު ދުވަހު ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ.

ބޮޑު ސްކްރީންތަކުގައި އިތުރުން އޯޓީޓީ ޕްލެޓްފޯމްގައި ވެސް ހަމަ އެ ދުވަހު ފިލްމު ރިލީޒްކުރާނެ ކަމަށް ސަލްމާން ބުނެފައި ވެއެވެ.