އަހަރަކަށް ވުރެ ގިނަ ދުވަހުގެ އިންތިޒާރަށް ފަހު ސަލްމާން ހާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ރިލިޒް ކުރަން ތައްޔާރު ވެއްޖެ އެވެ. އިންޑިޔާގައި ކޮޥީޑް-19 ސިގެ ހާލަތު ގޯސްވެފައި ވާތީ ފިލްމު ރިލީޒް ކުރުން އިތުރަށް ފަސް ކޮށްފާނެ ކަމުގެ ހަބަރުތަކެއް ވެސް މިފަހަކަށް އައިސް އިންޑިއާގެ ނޫސްތަކުން ފަތުރާފައި ވެއެވެ. ނަމަވެސް ބުދަ ދުވަހު ސަލްމާންގެ ފިލްމު ކުންފުނިން ކުރި ޓުވީޓެއްގައި އަންނަ ފިތުރު އީދު ދުވަހު "ރާދޭ" ރިލީޒް ކުރާނެ ކަމަށް އިއުލާން ކޮށްފައި ވެއެވެ.
މި ފިލްމު ރިލީޒް ކުރަނީ ބޮލިވުޑް ފިލްމެއް މީގެ ކުރިން ރިލިޒް ކޮށްފައިވާ ގޮތާ ތަފާތު ގޮތަކަށް އެތައް ޕްލެޓްފޯމެއްގައި އެއްފަހަރާ މުޅި ދުނިޔޭގެ އެންމެންނަށް ބެލޭނެ ފަދަ ގޮތަކަށެވެ.
ބޮޑު ސްކްރީނުގެ އިތުރުން މި ފިލްމު އީދު ދުވަހު ޑިޖިޓަލް ޓީވީ ހިދުމަތްދޭ ޑިޝް، ޑީ2އެޗް، ޓާޓާ ސްކައި އަދި އެއާޓެލް ޑިޖިޓަލް ޓީވީން ވެސް ބެލޭނެ އެވެ.
ޒީ ސްޓޫޑިއޯގެ ސީބީއޯ ޝާރިގް ޕަޓޭލް ބުނި ގޮތުގައި އެންމެން މާޔޫސްކަމުގައި ތިބި މި ދުވަސްވަރު މީހުންގެ ހިތްހަމަ ޖައްސާލައިދޭން ސަލްމާންގެ "ރާދޭ" އަށް ވުރެ ރަނގަޅު ފިލްމެއް ނެތް ކަމަށެވެ. އަދި ސަލްމާނާއި ޒީ ނެޓްވޯކުގެ ގުޅުމަކީ ވަރަށް ޒަމާންވީ އަދި ބަދަހި ގުޅުމެއް ކަމަށެވެ.
ޒީ ސްޓޫޑިއޯ އިން "ރާދޭ" ދުނިޔޭގެ ސާޅީހަކަށް ގައުމުގައި ދައްކާނެ އެވެ. މީގެ ތެރެއިން ބައެއް ގައުމުތަކުގައި ފިލްމު އަޅުވަން ހަމަޖެހިފައިވަނީ ބޮޑު ސްކްރީނުގަ އެވެ.
ސަލްމާންގެ ފިލްމު ކުންފުނިން ވާހަކަ ދެއްކި މީހަކު ބުނީ ތިއޭޓަރުތަކުގެ ވެރިންނާ ގުޅިގެން އެމީހުން ބޭނުންވާ ހުރިހާ ސިނަމާތަކެއްގައި ފިލްމު އެޅުވޭނެ ގޮތް ހެދުމަށް އެ ކުންފުނިން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކުރާނެ އެވެ.
ނަމަވެސް މިހާރު ބަލިމަޑުކަމުގެ ހާލަތު އޮތްލެއް ނާޒުކުކަމުން ސޭފްޓީ ޕްރޮޓޮކޯލް އަށް ވެސް ބަލަން ޖެހޭ ކަމަށާއި އެގޮތުން ގޭގައި ތިބެގެން ފިލްމު ބަލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ތަނަވަސް ކޮށްދީފައިވާ ކަމަށް އޭނާ ބުންޏެވެ.
ޕްރަބޫ ދޭވާ ޑައިރެކްޓްކޮށްފައިވާ "ރާދޭ" ގައި ސަލްމާންގެ އިތުރުން ޖެކީ ޝްރޮފް އާއި ރަންދީޕް ހޫޑާ އަދި ދިޝާ ޕަޓްނީ މުހިއްމު ބައިތަކެއް ކުޅެފައި ވެއެވެ.
"ރާދޭ" ރިލީޒް ކުރާނީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަލަންޑަރު ބުނާ ދުވަސް ކަމަށްވާ އަންނަ މޭ މަހުގެ 13 ވަނަ ދުވަހު އެވެ.