ބޮލީވުޑް

ސަނީގެ ދަރިފުޅާއެކު ސަލްމާނަށް ބޮޑުބޭބެ ކިޔާ އަލީޒާ

ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމަށްވާ އަލީޒާ އަގްނިހޯތުރީ ބޮލިވުޑަށް ނުކުންނަން ތައްޔާރުވާން ފަށައިފި އެވެ. އަލީޒާ ތައާރަފުވާނީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާގެ ދަރިފުޅު އަވްނީޝް ބަރްޖަތިޔާ ޑައިރެކްޓަރެއްގެ ގޮތުގައި އުފައްދާ ފުރަތަމަ ފިލްމުންނެވެ.

އަދި ވަކި ނަމެއް ހަމަޖެހިފައި ނެތް މި ފިލްމުގައި އަލީޒާ އާއެކު ލީޑް ރޯލު ކުޅޭ ބަތަލަކީ ސަނީ ޑެއޯލްގެ ހަގު ފިރިހެން ދަރިފުޅު ރާޖްވީރް ޑެއޯލް ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ.

މިއީ ޑެސްޓިނޭޝަން ވެޑިންގެ ވާހަކަތަކެއް ކިޔައިދޭ ރޮމެންޓިކް ފިލްމެއް ކަމަށާއި މި ފިލްމު ބޮޑަށް ވައްތަރު ވާނީ 2013 ގައި އަޔާން މުކަރުޖީ ޑައިރެކްޓްކުރި ދީޕިކާ ޕަދުކޯން އާއި ރަންބީރު ކަޕޫރު ލީޑް ރޯލުތައް ކުޅެފައިވާ "ޔޭ ޖަވާނީ ހޭ ދީވާނީ" އާ ކަމަށް ވެއެވެ.

އަލީޒާގެ ބައްޕަ އަތުލް އަގްނިހޯތުރީއަކީ ވެސް އެކްޓަރެކެވެ. އަދި ފިލްމު ޕްރޮޑިއުސްކުރުމާއި ޑައިރެކްޓް ކުރުމުގެ މަސައްކަތް ވެސް އޭނާ ކުރެ އެވެ.

ދަރިފުޅު އަލީޒާ ފިލްމު ކުޅެން ޝައުގުވެރިވާ ކަމަށް 2019 ގައި އަތުލް ދިން އިންޓަވިއު އެއްގައި ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އަތުލް އޭރު ބުނެފައިވަނީ އަލީޒާ ފިލްމު ކުޅެން ފަށާނީ ކިޔެވުން ނިންމާ ފިލްމީ މަސައްކަތް ރަނގަޅަށް ދަސްކޮށްގެން ކަމަށެވެ.

އަލީޒާ އަކީ އަތުލް އާއި ސަލްމާންގެ އަންހެންކޮއްކޮ އަލްވިރާގެ ދަރިއެކެވެ.