ފިނިޕޭޖް

"މައިނޭ ޕިޔާރް ކިޔާ"ގެ ހުރިހާ ކްރެޑިޓެއް ނެގީ ބާގްޔާޝްރީ: ސަލްމާން

ސަލްމާން ޚާނަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ މަޝްހޫރު ސުޕަސްޓާރަށް ވީ ނަމަވެސް އޭނާގެ ކެރިއަރުގެ ކުރީކޮޅު ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އެވެ. ސަލްމާން ލީޑް ރޯލު ކުޅުނު ފުރަތަމަ ފިލްމު "މައިނޭ ޕިޔާރް ކިޔާ" އަކީ 80 އިގެ އަހަރުތަކުގައި ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމަށް ވިޔަސް އެ ފިލްމުގެ ވެސް ހުރިހާ ކްރެޑިޓެއް ގެންދިޔައީ ބަތަލާ ބާގްޔާޝްރީ އެވެ. އެ ފިލްމު ރިލީޒްވިތާ ހަތަރު ފަސް މަސް ފާއިތުވީއިރު ވެސް ސަލްމާނަށް އިތުރު ފިލްމެއްގެ ފުރުސަތު ނުލިބި ހުންނަން ޖެހުނީ އެހެންވެ ކަމަށް ސަލްމާން ގަބޫލު ކުރެ އެވެ.

"މައިނޭ ޕިޔާރް ކިޔާ" އަކީ ޕްރޭމް އާއި ސުމަންގެ ލޯބީގެ ވާހަކަ އެވެ. އާއިލާގައި ހުރި ޚިޔާލުތަފާތުވުންތަކާއެކު ވެސް ދެ މީހުން ލޯބި ކާމިޔާބު ކުރަން ކުރާ މަސައްކަތާއި އެކަން ކާމިޔާބުކުރާ ގޮތް މި ފިލްމުގައި ދައްކާފައި ވެއެވެ.

"އާޕް ކީ އަދާލަތު" ކިޔާ ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން ސަލްމާން ބުނީ "މައިނޭ ޕިޔާރް ކިޔާ" ރިލީޒްކުރި ފަހުން ފަސް ވަރަކަށް މަސް ފާއިތުވީއިރު ވެސް އެންމެ ފިލްމެއް ވެސް ނުލިބުނު ކަމަށެވެ.

"އަހަރެން އޭރު ހިތަށް އެރި ދެން ނުލިބޭނޭ ފިލްމެއް ކުޅޭކަށް. ސަބަބަކީ ބާގްޔާޝްރީ މެޑަމް ފިލްމު ކުޅުން ހުއްޓާލާފައި ކައިވެނި ކުރަން ނިންމީމަ. ފިލްމުގެ ހުރިހާ ކްރެޑިޓެއް ނަގައިގެން ގޮސް އޭނާ ކައިވެނި ކުރީމަ،" ސަލްމާން ބުންޏެވެ.

ސަލްމާން އިތުރަށް ބުނި ގޮތުގައި ފިލްމު އިންޑަސްޓްރީގެ އެންމެން ވެސް އޭރު ގަބޫލު ކޮށްގެން ތިބީ ފިލްމު އެހާ ކާމިޔާބުވީ ބާގްޔާޝްރީގެ ސަބަބުން ކަމަށެވެ.

"މަށަކީ ދެން އެ ފިލްމުގައި އުޅުނު މީހެއް. ހުރިހާ މޮޅުކަމެއް ފިލްމުގައި ކުރީ ބާގްޔާޝްރީ ކަމަށް ގިނަ މީހުން ގަބޫލުކުރީ،" ސަލްމާން ބުންޏެވެ.

އެންމެ ފަހުން ސަލްމާނަށް އަލުން ފިލްމު ކުޅެން ފުރުސަތު ލިބޭތޯ އޭނާގެ ބައްޕަ ސަލީމް ޚާން މަސައްކަތް ކުރަން ފެށި އެވެ. ސަލީމް ޚާނަކީ މަޝްހޫރު ސްކްރިޕްޓް ރައިޓަރެކެވެ. އެހެންވެ އިންޑަސްޓްރީގައި އޭނާގެ އެކުވެރިން ގިނަ އެވެ.

ޕްރޮޑިއުސަރު-ޑައިރެކްޓަރު ޖީޕީ ސިއްޕީ އާ ބައްދަލުކޮށް އޭނާ ސަލްމާން ލައްވާ ފިލްމެއް ކުޅުވަން ސޮއި ކޮށްފިކަމަށް އިއުލާން ކޮށްދިނުމަށް ސަލީމް އެދުނެވެ. ސަލީމުގެ އެދުމުގެ މަތިން ސިއްޕީ އެގޮތަށް އިއުލާން ކުރުމުން އިންޑިޔާގެ ފިލްމީ މަޖައްލާތަކުގައި އެ ވާޙަކަ ލިޔުމާއެކު އެހެން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވެސް ސަލްމާނަށް ފިލްމުތައް ހުށަހަޅަން ފެށި އެވެ. ޖީޕީ ސިއްޕީ ކަހަލަ ފުންނާބު އުސް ޑައިރެކްޓަރަކު ސަލްމާން ލައްވާ ފިލްމު ކުޅުވަން ނިންމާނީ އޭނާއަކީ ހިނގާނެ އެކްޓަރެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ހީވެގެންނެވެ.

ސަލްމާނުގެ ކެރިއަރު ރަނގަޅަށް ހިނގައިގަތީ އޭގެ ފަހުން އޭނާއަށް ލިބުނު ގިނަ ފިލްމުތަކެއް ކާމިޔާބުވުމުންނެވެ.

ފިލްމީ ރޮނގުން ބަލާއިރު ސަލްމާންގެ އެންމެ އަވަހަށް ރިލީޒްވާން މިހާރު އޮތް ފިލްމަކީ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" އެވެ. ޕްރަބޫ ދޭވާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އަންނަ ފިތުރު އީދުގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގައި ދިޝާ ޕަޓްނީ، ރަންދީޕް ހޫޑާ އަދި ޖެކީ ޝްރޮފް ވެސް ބައިވެރިވެ އެވެ.