ބޮލީވުޑް

ސިނަމާތައް ބަންދުކުރަން ޖެހުމަކީ ދެރަކަމެއް: ސަލްމާން

ސަލްމާން ހާންގެ އެންމެ ފަހު ފިލްމު "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" އަންނަ ފިތުރު އީދު ދުވަހު އިންޑިޔާގެ ސިނަމާތަކުގައި ރިލީޒް ކުރަން ވަނީ ހަމަޖައްސާފަ އެވެ.

ސަލްމާން ޕްރޮޑީއުސްކޮށް ޒީ-ޓީވީން ދައްކަން ނިންމާފައިވާ މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން ޕްރޯ މިއުޒިކް ލީގު" ފެށުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަލްމާން ވަނީ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒް ނުކޮށް ސިނަމާތަކުގައި އަޅުވަން ނިންމި ސަބަބު ކިޔައިދީފަ އެވެ.

ސަލްމާން ބުނި ގޮތުގައި އޭނާ ތިން ފިލްމެއް އުފައްދައި ރިލީޒް ކުރަން މިހާރު ތައްޔާރަށް އެބައޮތެވެ. ފިލްމު ދައްކާ ސިނަމާ ހޯލުތަކެކޭ ގަބުރުސްތާނެކޭ މިހާރު އެއްގޮތް ކަމަށާއި ސިނަމާތަކުގެ ވެރިންނަށް ފައިސާގެ ގޮތުން ބޮޑެތި ގެއްލުންތައް ވަމުންދާތީ އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ސިނަމާތައް ބަންދު ކުރަމުންދާ ކަމަށް ވެސް ސަލްމާން ބުންޏެވެ.

"މިއީ އަހަރެމެން ކުރާ ވިޔަފާރިއެއް. އަހަރެންގެ މަސައްކަތަކީ އެކްޓްކޮށް އަދި ފިލްމު އުފެއްދުން. ސިނަމާތައް ބަންދު ކުރީމަ އަހަރެމެންގެ ފިލްމުތައް ދައްކާނީ ކޮން ތާކު؟ މި ދެ ކަންތައް ވަނީ ގުޅިލާމެހިފަ. ސިނަމާތަކާ ނުލައި ފިލްމު އިންޑަސްޓްރީ ފުރިހަމައެއް ނުވޭ. ހަމަ އެގޮތަށް ފިލްމު އިންޑަސްޓްރީއާ ނުލައި ސިނަމާތަކެއް ވެސް ނޯންނާނެ،" ސަލްމާން ބުންޏެވެ.

ސަލްމާން އިތުރަށް ބުނީ ސިނަމާތަކުގެ ވެރިން އޭނާއާ ބައްދަލުކޮށް އޭނާގެ ފިލްމު ސިނަމާތަކުގައި ރިލީޒް ކޮށްދޭން އެދިފައިވާ ކަމަށެވެ.

"މިހާރު މީހުން މަގުމައްޗަށް ނުކުމެ އާއްމުކޮށް އުޅޭ ގޮތަށް އުޅޭތަން އެބަފެނޭ. އެހެންވީމާ ސިނަމާތަކަށް ވެސް ކުރިން ދިޔަ ގޮތަށް ހައުސް ފުލް ޝޯތަކެއް ކުރިޔަށް އޮތް ތަނުގައި ދެއްކިދާނެކަމުގެ އުންމީދު އެބައޮތް،" ސަލްމާން ބުންޏެވެ.

ވެކްސިން އާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސިނަމާތައް ފުލް ވަންދެން މީހުން ވަންނަ ދުވަސް ވަރަށް އަވަހަށް ފެނިދާނެކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް ސަލްމާން ބުންޏެވެ.

"އުންމީދަކީ 2020 އަށް ވުރެ 2021 ރަނގަޅު އަހަރަކަށް ވުން. ރައްކާތެރި ހިސާބަކަށް ދެވިދާނެ ކަމުގެ އުންމީދު ވަނީ އާވެފަ،" ސަލްމާން ބުންޏެވެ.

ޕުރަބޫދޭވާ ޑައިރެކްޓް ކޮށްފައިވާ ސަލްމާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ކުރިން ހަމަޖެހިފައި އޮތީ 2020 ގެ މޭ މަހު ރިލީޒް ކުރާށެވެ. ނަމަވެސް ކޮރޯނާވައިރަސްގެ ވަބާ މުޅި ދުނިޔެއަށް ފެތުރި ފިލްމު އިންޑަސްޓްރީގެ މަސައްކަތް މުޅިން ހުއްޓި ސިނަމާތައް ބަންދު ކުރަން ޖެހުމުން ފިލްމު ރިލީޒް ކުރުން ފަސް ކުރަން ޖެހުނީ އެވެ.

ސިނަމާތަކަށް ފިލްމު ބަލަން ވަންނަ ގިނަ މީހުންނަކީ ސަލްމާނުގެ ފޭނުންނެވެ. އޭނާގެ ކޮންމެ ފިލްމެއް އެޅުވިޔަސް ބޮޑު ތަރުހީބެއް ބެލުންތެރިން އެ ފިލްމަކަށް ދެއެވެ. އެހެން ކަމުން އޭނާގެ ފިލްމެއް ސިނަމާތަކުގައި އަޅުވައިގެން ބެލުންތެރިން އަލުން ސިނަމާތަކަށް މިސްރާބު ޖަހާފާނެ ކަމަށް ސިނަމާތަކުގެ ވެރިން ވެސް އުންމީދުކުރެ އެވެ. އެހާ ވަރުން ސަލްމާންގެ ފިލްމެއް ރިލީޒްކުރަން އެމީހުން އޭނާގެ ކިބައިން އެދުނި އެހެންވެ އެވެ.

"ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ގެ ބަތަލާ އަކީ ދިޝާ ޕަޓްނީ އެވެ. ޖެކީ ޝްރޮފް އާއި ރަންދީޕް ހޫޑާ ވެސް މި ފިލްމުގައި ވަރަށް މުހިއްމު ރޯލުތަކެއް ކުޅެފައި ވެއެވެ.