ބޮލީވުޑް

ކެޓުރީނާއާ ވިކީގެ ކައިވެނީގެ ވާހަކަތަކަކީ ފޭކެއް!

ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލް ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ އިންޑިޔާގެ ނޫސްތަކުން ފާއިތުވީ މަހެއްހާ ދުވަހު ވަނީ ވަރަށް ގިނަ ޚަބަރުތައް ފަތުރާފަ އެވެ. ކައިވެނީގެ ހޯލުގެ ފޮޓޯތަކާއި ހެދުން ފަހައި ދޭ ޑިޒައިނަރުގެ ވާހަކަތައް ވެސް ނޫސްތަކުގައި ލިޔެފައި ވެއެވެ.

އަދި ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ކެޓުރީނާ ޗުއްޓީ ނެގި ވާހަކަ އާއި އޭނާ އާއި ވިކީގެ ހާއްސަ ޓީމުތަކެއް ކައިވެނި ކުރަން ހަމަޖެހިފައިވާ ރަށަށް ގޮސް އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޚަބަރުތައް ފަތުރާފައި ވެއެވެ.

އަދި ކެޓުރީނާގެ އަތުގައި އަޅާ ހީނާފަތުގެ އަގު އެއް ލައްކަ ރުޕީސް އަށް ވުރެ އަގު ބޮޑު ކަމުގެ ވާހަކަތަކާއި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާ ފިލްމީ ތަރިންގެ ލިސްޓު ވެސް އެކި ނޫސްތަކުގައި ޖަހާފައި ވެއެވެ.

ނަމަވެސް ވިކީ ކޯޝަލްގެ ދެބެންގެ ދެދަރި މީހަކު ހުކުރު ދުވަހު އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި މިއީ ވާހަކަ ތަކަކީ ހުސް ފޭކް ވާހަކަ ތަކެވެ. ވިކީ އާއި ކެޓުރީނާ ކައިވެނި ކުރަން ނޫޅޭ ކަމަށް ވެސް ވިކީގެ ދެބެންގެ ދެ ދަރި އަންހެން މީހާ ބުނެފައި ވެއެވެ.

"އަހަރެން ބޭބެ [ވިކީ] ކައިރީގައި އެ ވާހަކަ އެހީމަ އޭނާ ބުނި ނޫސްތަކުން ފަތުރަމުންދާ ވާހަކަ ތަކަކީ ހަދަހަދައިގެން ދައްކާ ވާހަކަ ތަކެކޭ. ކައިވެނި ކުރުމުގެ ވިސްނުމެއް އޭނާ ނުގެންގުޅެމޭ،" ނޫހަކަށް ދިން އިންޓަވިއު އެއްގައި ވިކީގެ ދެބެންގެ ދެ ދަރިމީހާ ބުނެފައި ވެއެވެ.

މިއީ ތެދު ޚަބަރަކަށް ވެއްޖެނަމަ ވިކި އާއި ކެޓުރީނާގެ ފޭނުން ވަރަށް ބޮޑަށް މާޔޫސްވާނެ އެވެ. ސަބަބަކީ އެ ކައިވެންޏަށް ފޭނުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާތީ އެވެ.

ކައިވެންޏާ ބެހޭ ގޮތުން އިންޑިޔާގެ ނޫސްތަކުން އެންމެ ފަހުން ފަތުރާފައިވާ ޚަބަރުތަކުގައި ބުނެފައިވަނީ ކައިވެނީގެ ރަސްމިއްޔާތުތައް އޮންނާނީ ޑިސެމްބަރު 7 ން 9 އަށް ކަމަށެވެ. އަދި ކައިވެނިކުރާ ތަނަށް ފޯނު ވެއްދުން މުޅިން މަނާކޮށްފައިވާ ކަމަށެވެ. އަދި ސަލްމާން ޚާނާއި ޝާހް ރުކް ޚާން ފަދަ އެކްޓަރުން ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށެވެ.

ކޮންމެއަކަސް ޑިސެމްބަރު 7 އަންނަން ދެން މާ ގިނަ ދުވަހެއް ނެތެވެ. ވީމާ މި ކައިވެނި ހަގީގަތުގައި ވެސް ކުރޭތޯ ނޫނީ ނޫސްތަކުން ފެތުރީ މުޅިން ފޭކް ޚަބަރުތަކެއްތޯ ވަރަށް އަވަހަށް ޔަގީން ވާނެ އެވެ.