ޔޫއެން

އދ. ގެ ވޯކިން ގްރޫޕްގެ ވަފުދެއް ރާއްޖެއަށް

Nov 27, 2021
1

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ވަޒަންކުރުމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރަން ނިންމައިފި އެވެ.

ވަފްދުގެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ. ކުރިއަށް އޮތް ޑިސެމްބަރު ނުވަވަނަ ދުވަހުގެ ނިޔަލަށް އެ ބޭފުޅުން ރާއްޖޭގައި ހަރަކާތްތެރިވާއިރު ޖަލުތަކުގެ ތެރެއިން ފާހަގަވާ ކަންކަމުގެ ވަގުތީ އެސެސްމަންޓެއްގެ މައުލޫމާތު ވަފްދުގެ ބޭފުޅުން ފުރާވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ނޫސްވެރިންނަށް ހާމަކުރައްވާނެ އެވެ.

ފަސް މެންބަރުންގެ މައްޗަށް ހިމެނޭ ވަފްދުގެ ބޭފުޅުން މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެން ޖަލުތަކާއި ފުލުހުންގެ މަރުކަޒުތަކާއި ބިދޭސީންނާއި ކުޑަކުދިންނާއި އެކި ކަހަލަ ނުކުޅުންތެރިކަން ހުންނަ މީހުން ބަލަހައްޓަމުންދާ މަރުކަޒުތަކަށް ވަޑައިގަންނަވާނެ އެވެ. އަދި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާއި އަމިއްލަ ޖަމިއްޔާތަކާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައި ކޮމިޝަނަރުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާ ވަފްދުގެ ބޭފުޅުން އެކުލަވާލާ ފައިނަލް ރިޕޯޓް ހުށަހަޅާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލްގެ ބައްދަލުވުމަށް ކަމަށެެވެ.

އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަކީ ގާނޫނުތަކާ ހިލާފަށް މީހުން ހައްޔަރުކޮށް އެ މީހުންގެ މިނިވަންކަން ނަގާލައި މައްސަލަތައް ބެލުމަށް މަސައްކަތް ކުރަމުންދާ އދ. އެންމެ މުހިއްމު އެއް ގުރޫޕް އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އދ.ގެ ވޯކިން ގްރޫޕްގެ ވަފްދެއް ރާއްޖެ އައިސް އޭރު ރާއްޖޭގެ ޖަލުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަތައް ބަލާފައިވެ އެވެ. އެގޮތުން އޭރު ޖަލުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށް ކަމަށް އެ ގުރޫޕުން ނިންމާފައިވެ އެވެ. އަދި އެ ބޭފުޅުންނަށް ގެއްލުމުގެ ބަދަލު ދިނުމަށްވެސް ގޮވާލާފައިވެ އެވެ. ވޯކިން ގްރޫޕްގެ ނިންމުންތަކަކީ އެ މައްޗަށް ދިވެހި ސަރުކާރުން އަމަލުކުރުން ލާޒިމް ނިންމުންތަކެއް ނޫނެވެ.