ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިބްރާހިމް ޝަރީފު

"މި ހާލަތުގައި ނިޒާމް ބަދަލެއް ނުކުރެވޭނެ"

ސިޔާސީ ބައެއްގެ އެދުމަށް ކޮވިޑްގެ މި ހާލަތުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލެއް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

މަވޯޓާ މިހެން ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުންނަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ދެއްވައި ކުރެއްވި ޓުވީޓުތަކެއް ގަ އެވެ.

މަވޯޓާ ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އަދި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބުނަސް ޕާޓީގެ ބައެއް ލީޑަރުން އިސްވެތިބެ ހިނގާ އެތެރޭގެ ކޯޅުންގަނޑުތަކާ ހެދި އެމްޑީޕީއަށް ލިބުނު ކާމިޔާބީތައް ބީވެ އަދި ޕާޓީ ބައިބައި ވެދާނެ ކަމަށެވެ.

ހަމަ އެހެންމެ އެމްޑީޕީއަށް ލިބުނު ކާމިޔާބީން ފުއްދާލައިގެން ތިބެ ބޮޑާ ވެގެން ނުވާނެ ކަމަށާއި އަދި އެންމެ ބޮޑަށް އިސްކަންދޭން ޖެހޭނީ ގައުމާއި ރައްޔިތުންގެ މަންފާއާއި ލާބައަށް ކަމަށެވެ.

މިދިޔަ ހަފްތާގައި މަޖިލީހުން ފާސްކުރި 37 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓު އިއްޔެ ވެސް މަވޯޓާ ދިފާއު ކުރެއްވި އެވެ. ވިދާޅުވީ ކޮވިޑުގެ މި ހާލަތުގައި އިގްތިސާދު ހަމައަކަށް އަޅުވައި އާންމު ހާލަތަށް އަންނަންދެން ސަރުކާރުގެ ހަަރަދުތައް އިތުރުކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން ހަރަދުތައް ވީހާވެސް ކުޑަކުރެވޭ ވަރަށް ކުޑަކުރުމުގެ މުހިންމުކަން. ނަމަވެސް ހޮސްޕިޓަލަށާއި ސްކޫލުތައް އަދި މޫސުމަށް އަންނަ ބަދަލުތައް ކުރާ ހަރަދު ކުޑައެއް ނުކުރެވޭނެ" މަވޯޓާގެ ޓުވީޓުގައި ވެއެވެ.

މަވޯޓާ އިތުރަށް ވިދާޅުވީ ކޮވިޑުގެ މި ހާލަތުގައި ވެރިކަމުގެ ނިޒާމް ފޮރޮޅާލައި ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުން ހަމައެކަނި ހަލަބޮލިވާނީކީ ނޫން ކަމަށާއި އޭގެ ސަބަބުން އިގްތިސާދޫ ގޮތުން ގެއްލުންވެ ދަރަނި ވެސް އިންތިހާއަށް އިތުރުވެ ކުރާ ހޭދަތައް ބޮޑު އިސްރާފަަކަށް ވެގެން ދާނެ ކަމަށެވެ.

"ސިޔާސީ މީހުންގެ އަމިއްލަ އެދުމަށް ފައިސާތަކެއް އިސްރާފެއް ނުކުރެވާނެ" މަވޯޓާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑްގެ ވަބާ ނިމެން ކައިރިވެ ގައުމު ހަމައަކަށް އެޅެމުންދާތީ ގައުމު ބަނގުރާޓޫވާ ވާހަކައާއި ދަރަނީގެ ވާހަކަ އެމްޑީޕީގެ ބައެއް ބޭފުޅުންނާއި އިދިކޮޅުގެ އިސް ބޭފުޅުން އަލުން ފައްޓަވައިފައިވާ ކަމަށެވެ.

ނިޒާމް ބަދަލުކުރަން އުޅޭތީ މަވޯޓާ ހޫނު ރައްދެއް ދެއްވި އިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވައި ދަނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ތައްޔާރުކޮށްފަ އެވެ. އަދި އެ ޕެޓިޝަނުގައި ލައްކައަކަށް ވުރެ ގިނަ މީހުން މިހާރު ވަނީ ސޮއި ވެސް ކޮށްފަ އެވެ.