ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރުގެ މޯލްޑިވްސް ފްލޯޓިން ސިޓީ ނިމޭއިރު ހުންނާނެ ގޮތުގެ މަންޒަރެއް ދައްކާލުމުގެ ގޮތުން މޮކަޕް އައިލެންޑެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު އެންމެ ފުރަތަމަ އިއުލާންކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޮލެންޑުގެ ޑަޗް ޑޮކްލޭންޑް ކުންފުންޏަށް އެ މަޝްރޫއު ހަވާލު ކުރުމަށް ފަހު އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް ޑަޗް ޑޮކްލޭންޑް ކުންފުންޏާ ހަވާލު ކޮށްގެން މަޝްރޫއު ކުރިއަށް ގެންދިއުމަށްފަހު މަޝްރޫއު އަލުން އިފްތިތާހު ކުރީ މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ރާއްޖޭގެ ކޮންސެލްޓެންޓް މުހައްމަދު ރިޔާޒު އަވަސް އަށް މިއަދު ވިދާޅުވީ މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު ނިމުމުން ހުންނާނެ ގޮތް ދައްކާލުމަށް ބޭނުންވާތީ ފުރަތަމަ މޮކަޕް އައިލެންޑް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުރަތަމަ މޮކަޕް އާންމުންނަށް ފެންނާނެ ކަމަށެވެ.
"އަސްލު މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ސަރަހައްދުގެ އެއް ފަޅިއެއްގައި މި މޮކަޕް އަޅުގަނޑުމެން އިންސްޓޯލް ކުރާނަން ޖެނުއަރީގައި. ފްލޯޓިން ސިޓީގެ މަޝްރޫއަކީ ބޮޑު މަސައްކަތަކަށްވާތީއާއި އާންމުންގެ އިތުބާރު ބޮޑު ކުރުމަށްޓަކައި މަޝްރޫއު ނިމުމުން ގެތަކާއި މަގުތައް ހުންނާނެ ގޮތް އަޅުގަނޑުމެން މޮކަޕްގައި މި ދައްކާލަނީ. އެންމެ މަދުވެގެން ދެ ގެއާއި މަގެއް މޮކަޕްގައި ދައްކާލަނަން،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަޝްރޫއުގެ މާސްޓާ ޕްލޭނަށް ކުދިކުދި ބަދަލުތައް ގެންނަންޖެހި ބަދަލު ގެންނަ ކޮންމެ ފަހަރަކު މާސްޓާ ޕްލޭނަށް ކަމާ ގުޅުންހުރި އިދާރާތަކުގެ ހުއްދަ ހޯދަންޖެހޭތީ މަޝްރޫއުގެ އީއައިއޭ އާއި މުޅި މަސްޓާ ޕްލޭން ޖެނުއަރީ އަށް ނިންމާލެވޭނެ ކަމަށެވެ. އޭގެފަހުގައި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ހިނގަމުންދާ މަންޒަރު ފެންނާނެ ކަމުގައިވެސް ވިދާޅުވި އެވެ. ފްލޯޓިން ސިޓީގެ މަސައްކަތްތަކަކީ އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަން ފާހަގަކުރައްވަމުން ރިޔާޒު ވިދާޅުވީ މޮކަޕް އައިލެންޑަކީ ވެސް މަޝްރޫއުގެ އެއް ބައި ކަމަށެވެ. ނަމަވެސް މޮކަޕް އައިލެންޑްގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުގެ އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ފްލޯޓިން ސިޓީ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފަ އެވެ. މި މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެންނެވެ. ފެން މަތީގައި އޮންނަ، ތިމާވެއްޓާ ރަހުމަތްތެރި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެ އެެވެ.
"މި މަޝްރޫއުގެ ދަށުން ހަދާ ރަށުގައި ބޭނުން ކުރާނީ މުޅިން ވެސް ތިމާވެއްޓާ ރަހުމަތްތެރި އުޅަނދު ފަހަރު. މިސިޓީ އާބާދު ކުރަނީ ގިނަވެގެން 15،000 މީހުންގެ އާބާދީ އަކަށް. މާލެ އިން ފުރައިގެން ގިނަވެގެން 10 މިނެޓް ތެރޭގައި މިސިޓީ އަށް އާދެވޭނެ،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މަޝްރޫއުގެ ދަށުން އަޅާ 5،000 ގޯއްޗަކީ މެދު ފަންތީގެ ތަންތަން ކަމަށެވެ. އެ ތަންތަނުގެ އަގުތައް އުޅޭނީ ހުޅުމާލޭގައި މެދު ފަންތީގެ ހައުސިން ހުންނަ އަގުތަކަށް ވުރެ ބޮޑު ނުވާނެ އަގުތަކެއްގައި ކަމަށްވެސް ވިދާޅުވި އެވެ.
"ގޯތިތައް ހުންނާނީ 1،000 އަކަފޫޓާއި 1،500 އަކަފޫޓުގެ. ރަށު ތެރޭގައިވެސް އޮންނާނީ ދޮންވެެލި ލާފަ، ހިތްގައިމު މާހައުލެއް އޮންނާނީ،" ރިޔާޒު ވިދާޅުވި އެވެ.