ފްލޯޓިން ސިޓީ

ފްލޯޓިން ސިޓީ ތަޖުރިބާކޮށްލުމަށް ނަމޫނާ ގެ އަޅައިފި

ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ހަރަދު ކުރަން ނިންމާފައިވާ މޯލްޑިވްސް ފްލޯޓިން ސިޓީގައި އަޅަން ނިންމާފައިވާ ގެތަކުގެ ތެރެއިން ނަމޫނާ ގެއެއް އަޅައި އާންމުންނަށް ދައްކާލުމަށް ތައްޔާރުވެއްޖެ އެވެ.

މަޝްރޫއުގެ ރާއްޖޭގެ ކޮންސަލްޓެންޓް އިބްރާހީމް ރިޔާޒު އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ މީގެދުވަސް ކޮޅެއް ކުރިން ނަމޫނާ ގެ ހަދާފައިވަނީ މާލެ އިން ފުރައިގެން 45 މިނެޓް ދަތުރުކޮށްފައިވާ ދެވޭހާ ދުރުމިނުގައި މާލެ އަތޮޅުގައި ކަަމަށެވެ.

ރިޔާޒު ވިދާޅުވީ ފްލޯޓިން ސިޓީގައި އަޅަން ނިންމާފައިވާ 5،000 ގެ އެޅުމަށް ހަމަޖެހިފައިވާ ފަޅަށް ނަމޫނާ ގެ، ގެނެސް އެ ފަޅުގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މޫސުން ރަނގަޅު ނަމަ އަޅުގަނޑުމެން މި އުއްމީދުކުރަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެކްސްޕީރިއަންސް ސެންޓަރު (ނަމޫނާ ގެ) ފްލޯސިން ސިޓީ ހަދާ ފަޅުގައި އިންސްޓޯލް ކުރެވޭނެ ކަމަށް،" ރިޔާޒު ވިދާޅުވި އެވެ.

ފްލޯޓިން ސިޓީގައި ހަދާ ގެއެއްގެ ހުރިހާ ތަޖުރިބާއެއް ކުރެވޭ ގޮތަށް ނަމޫނާ ގެ ހަދާފައިވަނީ މިމަޝްރޫއުގައި މަސައްކަތް ކުރާ ނެދަލެންޑްސްގެ ކަމުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު ބައިސަން މޯލްޑިވްސް އިންނެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ ނަމޫނާ ގެ ފްލޯޓިން ސިޓީ ހަދާ ތަނުގައި ބަހައްޓާ ނިމުމުން އެތަނަށް ޒިޔާރަތްކޮށް ފްލޯޓިން ސިޓީއެއްގެ ތަޖުރިބާކޮށްލުމަށް އާންމުންނަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ފްލޯޓިން ސިޓީގެ ރަސްމީ ގެތައް ހަދަން ނިންމާފައިވަނީ މާލެ އިން ފުރައިގެން ފަސް މިނެޓުން ދެވޭހާ ދުރުގައި އޮންނަ ފަޅެއްގަ އެވެ.

ފްލޯޓިން ސިޓީގެ ގޯތިތައް ވިއްކާ އަގާއި އެކަން ކުރަން ނިންމާފައިވާ ތާރީހުތައް އަދި ހާމަކޮށްފައެއް ނުވެ އެެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ މިހާރު މަސައްކަތްތައް ކުރިއަށްދާ ގޮތަށް ކުރިއަށްދާނަމަ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ފްލޯޓިން ސިޓީގައި ގެތައް ފެނަނާން ފެށާނެ ކަމަށެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގައި ކުރިއަށްދާ މަޝްރޫއު ލޯންޗް ކުރީ މާޗް 14، 2021 ގައެވެ. ރައީސް މުހައްމަދު ނަޝީދުގެ އިސް ނެންގެވުމަކަށް ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން 2011 ވަނަ އަހަރުން ފެށިގެން ހިންގަން ރާވަމުން ދިޔަ މަޝްރޫއަށް ބައެއް ބަދަލުތައް ގެނެސް މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އިތުރު އެއްބަސްވުމެއްގައި ސަރުކާރާއި ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ދެމެދު އަލުން ސޮއިކޮށްފައިވެ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފަ އެވެ. މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެންނެވެ.

ފެން މަތީގައި އޮންނަ، ތިމާވެއްޓާ ރަހުމަތްތެރި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެ އެެވެ.