ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ހަރަދު ކުރަން ނިންމާފައިވާ މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ނޮވެމްބަރު މަހު ފަށަން ނިންމައިފި އެވެ.
އެ މަޝްރޫއުގެ ރާއްޖޭގެ ކޮންސަލްޓެންޓް އިބްރާހީމް ރިޔާޒު މިއަދު ވިދާޅުވީ މަޝްރޫއު ފެށުން ކޮންމެވެސް ވަރަކަށް ލަސްވެފައި ވަނީ އެ މަސައްކަތަކީ މުޅިން އަލަން ރާއްޖޭގައި ކުރާ މަސައްކަތަކަށް ވާތީ ގާނޫނީ ގޮތުން ވެސް ހުރި ބައެއް ކަންކަން ހައްލު ކުރަން ޖެހިފައިވާތީ ކަމަށެވެ.
މަޝްރޫއުގެ ޓެކްނިކަލް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަން ފާހަގަ ކުރައްވަމުން ރިޔާޒު ވިދާޅުވީ މަޝްރޫއުގެ އީއައިއޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ މުޅި މަޝްރޫއުގެ މާސްޓާ ޕްލޭން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅާ ފާސް ވުމުން ކަމަށެވެ.
"މިހާރު މަސައްކަތްތައް ގޮސްފައިވާ ހިސާބުން އަޅުގަނޑުމެން މިބަލަނީ ނޮވެމްބަރުގެ އެންމެ ކުރީކޮޅުގައި މަސައްކަތް ފެށޭނެ ކަމަށް. އެކަމުގެ ތައްޔާރީތައް މިހާރު ވަމުން މިދަނީ،" ރިޔާޒު ވިދާޅުވި އެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު ލޯންޗް ކުރީ މިއަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ. "މޯލްޑިވްސް ފްލޯޓިން ސިޓީ" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއު ހިންގަން ފެށުމުގެ ގޮތުން ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏެއް ދީފަ އެވެ. މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެންނެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގައި 5،000 ގޯތި ދޭއިރު އެ ސިޓީ ތަރައްގީކުރާނީ ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހުންނާނެ ކަމަށެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، މޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ވަނީ ނިންމާފަ އެވެ.
"މި މަޝްރޫއުގެ ދަށުން ހަދާ ރަށުގައި ބޭނުން ކުރާނީ މުޅިން ވެސް ތިމާވެއްޓާ ރަހުމަތްތެރި އުޅަނދު ފަހަރު. މިސިޓީ އާބާދު ކުރަނީ ގިނަވެގެން 15،000 މީހުންގެ އާބާދީ އަކަށް. މާލެ އިން ފުރައިގެން ގިނަވެގެން 10 މިނެޓް ތެރޭގައި މިސިޓީ އަށް އާދެވޭނެ،" ރިޔާޒު ވިދާޅުވި އެވެ.