ޑރ. މުހައްމަދު މުއިއްޒު

އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫއުތަކުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ޖާގަ ލިބޭނެ: ރައީސް

ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށާއި އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫއުތަކުންވެސް އެކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށަައިގެން ކުރިއަށް ގެންދާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން އެ ދާއިރާގައި މަސައްކަތްކުރާ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ކެބިނެޓުން ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

"މިހާރު ކެބިނެޓުން އޮންނާނެ ނިންމާފަވެސް އެކަންތައް. ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ރައްޔިތުންނަށް ހާއްސަ ހައުސިން ސްކީމެއް ސޯޝަލް ހައުސިން ޕްރޮޖެކްޓްސްތަކުގެ ތެރޭގައި ކުރިއަށް ގެންދަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެކަމާ ގުޅޭ އޮނިގަނޑު ފާސްކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ޝަރުތުތަކާއި ޕޮއިންޓް ދޭނެ ގޮތް ކަނޑައެޅުމުގައި ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކާއި ދާއިރާގެ މަސައްކަތްތެރިންގެ ހިޔާލު ހޯއްދަވާނެ ކަމަށެވެ.

އެކިއެކި ސަރަހައްދުތަކުގައި ހައުސިން މަޝްރޫއުތައް ހިންގާއިރު އެ މަޝްރޫއުތަކުން ވަކި އިންސައްތައެއް ޓޫރިޒަމް ދާއިރާއަަށް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މާނައަކީ ހަމައެކަނި މާލެ ހުޅުމާލެ މި ސަރަހައްދުގައި އަޅާ ހައުސިން ޔުނިޓްތަކަކުން ނޫނޭ ޓޫރިޒަމްގައި މަސައްކަތްކުރާ ފަރާތްތަކަށް ފްލެޓްތައް ނޫނީ ހައުސިން ޔުނިޓް ލިބޭނީ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިން ޕްރޮޖެކްޓްސް ހިންގޭނެ. އެ ހިންގާއިރުގައި އެ ސަރަހައްދެއްގައި ހުރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އެ ސަރަހައްދުން ފްލެޓް ނޫނީ ހައުސިން ޔުނިޓްތަކުން ޖާގަ ލިބޭ ގޮތަށް އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެންމެ އަވަހަށް ފެށޭ ހައުސިން ޕްރޮޖެކްޓްތަކުންވެސް އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު އެކަމާ ގުޅޭ ބައިވަރު މަސައްކަތްތަކެއް ފަށައިގެން މި އުޅެނީ. ވަރަށް އުންމީދުކުރަން މިއަހަރުގެ ތެރޭގައި އެ ފުރުސަތު ލިބިގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.