ފްލޯޓިން ސިޓީ

ފްލޯޓިން ހައުސްގެ ނަމޫނާ ގެ އަޅަން ހަވާލުކޮށްފި

ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ހަރަދު ކުރަން ނިންމާފައިވާ މޯލްޑިވްސް ފްލޯޓިން ސިޓީގައި އަޅާ 5،000 ގޭގެ ނަމޫނާ ގެއެއް ހެދުމުގެ މަސައްކަތް ބައިސަން މޯލްޑިވްސްއާއި ހަވާލުކޮށްފި އެވެ.

މި މަހުގެ 10 ވަނަ ދުވަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑަޗް ޑޮކްލޭންޑް ކުންފުނިން ބައިސަން މޯލްޑިވްސްއާ މިމަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ. އެތަން އަޅަނީ މާލެއިން ފުރައިގެން ފަސް މިނެޓު ދެވޭހާ ހިސާބު ދުރުގައި އޮންނަ ވިލެއްގަ އެވެ.

އެ މަޝްރޫއުގެ ރާއްޖޭގެ ކޮންސަލްޓެންޓް އިބްރާހީމް ރިޔާޒު އަވަސް އަށް ވިދާޅުވީ މިހާރު ފްލޯޓިން ހައުސްތަކުގެ ނަމޫނާ ގެ ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ދައްކާލުމަށް ފުރަތަމަ އަޅަނީ ފަސް ގެ ކަމަށާއި އެ މަސައްކަތް މޭމަހަށް ނިމޭނެ ކަމަށް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ފުރަތަމަ އަޅާ ސާމްޕަލް ގެތައް ރައްޔިތުންނަށް ދައްކާލުމަށް ފަހު އިތުރު ގެތައް އެޅުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށެވެ. އަދި ގެތަކީ ރައްޔިތުންނަށް ހަމަޖެހިލައިގެން އުޅެވޭވަރުގެ ގެތަކަކަށްވާނެ ކަމަށެވެ. ފްލޯޓިން ސިޓީއިން ގޯތި ވިއްކާގެ އަދަދަކާއި ތާރީހެއް އަދި ކަނޑަނާޅާ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ފްލޯޓިން ގެތަކުގެ ނަމޫނާ ގެއެއް ހެދުމުގެ މަސައްކަތް ފެށުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެތަން ބަލާލަން ރައްޔިތުން ގެންދެވޭނެ ދުވަހަކަށް އިންތިޒާރު ކުރައްވާ ކަމަށެވެ.

ޕްލޯޓިން ހައުސްގެ މަޝްރޫއާއި ގުޅޭ ބައިސަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މާޖިދް ވިދާޅުވީ މި ޕްރޮޖެޓްގެ ބައެއް އެ ކުންފުންޏައް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ފުރަތަމަ ނަމޫނާ ގެ މޭމަހަށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު ލޯންޗް ކުރީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ. "މޯލްޑިވްސް ފްލޯޓިން ސިޓީ" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއު ހިންގަން ފެށުމުގެ ގޮތުން ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏެއް ދީފަ އެވެ. މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެންނެވެ.

ފެން މަތީގައި އޮންނަ، ތިމާވެއްޓާ ރަހުމަތްތެރި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެ އެެވެ.