ރައީސް މުހައްމަދު ނަޝީދު

"އެމްޑީޕީގެ މެމްބަރުން ސަރުކާރާ ނުރުހެނީ ބޯހިޔާވަހިކަމުގެ މައްސަލައިގައި"

އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން ސަރުކާރާ މެދު ނުރުހެނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދީފައި ނުވާތީ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު މިރޭ ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރުވެގެން ދިޔައިރު މާލެ އާއި ބިން ބޮޑެތި ރަށްރަށުންވެސް ބޯހިޔާވަހިކަން އޮތީ ނުދެވި ކަމަށެވެ.

"އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން ސަރުކާރާ ނުރުހި ދުރަށް ދާންޖެހޭ އެންމެ ބޮޑު ސަބަބަކަށްވެފައި އޮތީ ބޯހިޔާވަހިކަމުގެ މައްސަލަ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުންނާއި ހާއްސަކޮށް މާލޭގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ ވެސް މިސަރުކާރުގައި ގޯތި ދޫކުރުމުގެ ސިޔާސަތު ނެތުން ކަމަށެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދިޔަ ވެށިފަހި ޕްރޮގްރާމު ފަދަ ޕްރޮގްރާމެއްގެ އެއްވެސް ސިޔާސަތެއް ސަރުކާރުން ނުގެންގުޅުއްވާ ކަމުގައިވެސް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުން އެންމެ ބޮޑޫ އަހަމިއްޔަތު ކަމެއް ދޭންޖެހޭ ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމެވެ.

"ހައުސިން މިނިސްޓަރަށް އަސްލަމް ވެވަޑައިގަތުމަށްފަހުގައި ދެން އަނެއްކާވެސް ގުޅީފަޅުގަޔާ ތިލަފުށީގަޔާއި ކަނޑު އަޑީގަޔާ ތަންތަނުގައި ރޮނގު އަޅަން ފެށުނު. މިއީ ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލުމަށް،" ސަރުކާރަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ކޮންމެ ފަހަރަކު އިންތިހާބަށް ކުރިމަތިލަނީ އެ އިންތިހާބެއް ކާމިޔާބުކުރުމަށްފަހު ތަންފީޒުކުރާނެ ސިޔާސަތުތައް ބަޔާންކުރަމުން ކަމަށާއި އެ ސިޔާސަތުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކުން ގޯތި ދޫކުރުމަކީ އެމްޑީޕީން ރައްޔިތުންނަށް ވައުދުވެފައިވާ ސިޔާސަތެއް ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ. މިއަދާ ހަމައަށް އައިއިރުވެސް އެކަން ނުނިންމި އޮތުމަކީ ވަރަށް ބޮޑު ލަދުވެތި ކަމެއް ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މާލޭގެ ގޭގެއަށް އާއްމުކޮށް ވަންނަން. އެހެންނަމަވެސް މާލޭގައިވެސް އަދި ރާއްޖޭގެ އެތައް ރަށެއްގައިވެސް ނިކަމެތި މީހުން މާބޮޑަށް، މާބޮޑަށް ނިކަމެތިވަމުންދާ ތަން އެބަ ފެނޭ. ފަގީރުންނާއި މުއްސަނދިންގެ ތަފާތު މާބޮޑަށް ފަރަގު ފެންނަން ފަށައިފި،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ އަބަދުވެސް އެކުލަވާލަނީ ސިޔާސީ، އިގްތިސޯދީ އަދި އިޖުތިމާއީ ކަންކަމަށް ވިސްނުމަށްފަހު ކަމަށެވެ. އެހެންވެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އާ ވައުދުތަކެއް ވާންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"ބޯހިޔާވަހިކަމަކީ، އެނގިވަޑައިގަންނަވާނެ އަނެއްކާވެސް އަޅުގަނޑުމެން އަލުން އަނބުރާ އާ ވައުދުތަކެއްގެ ގޮތުގައި ވާންޖެހޭ ކަމެއް. އަޅުގަނޑު ދަންނަވާނީ ކުރިމަތިލާ މިފަހަރުވެސް މިހުރީ ފްލެޓް ދޮންބެއޭ. އަޅުގަނޑަށް ކުރަން އެނގޭ ކަމެއް އަދި އަޅުގަނޑުމެންނަށް މި މަސައްކަތް ހިނގޭނެ" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް އަލުން ވެރިކަން ލިބިވަޑައިގެންފިނަމަ ބިން ކަނޑާ ރައްޔިތުންނަށް ގޯތި ދޫކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.