ޓޫރިޒަމް

ޓޫރިޒަމް މުވައްޒަފުންނަށް 300 ފްލެޓް ހާއްސަކުރަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް 300 ފްލެޓް ހާއްސަކުރަން ނިންމައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ މިރޭގެ ވަގުތެއްގައި މިކަމާ ގުޅޭ އުސޫލު ޕްލޭނިން މިނިސްޓްރީން ހާމަކުރާނެ ކަމަށެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މިކަން ނިންމަވާފައި،" އޭނާ ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މީހުންނަށް ހާއްސަ ކުރާ ފްލެޓަށް ކުރިމަތިލުމުގެ މައިގަނޑު ޝަރުތަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާތާ 15 އަހަރު ވެފައިވާ ދިވެއްސަކަށް ވުމެވެ.

ސަރުކާރުން މިހާރު ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައި މީހުންނަށް ގޯތި އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރުވީ މީހުންނަށް ފްލެޓް ދޭން ވެސް ނިންމާފަ އެވެ.

މިސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވި 19،842 މީހަކަށް އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 16،923 މީހަކަށް ފްލެޓް ދޭންވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވި 19،842 މީހަކަށް ހުޅުމާލެ، ގުޅިފަޅުން މިހާރު ދަނީ ގޯތިތައް ހަވާލުކުރަމުންނެވެ. އަންނަ ހަފްތާގެ ތެރޭގައި ގިރާވަރުފަޅުން ބައެއް މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ޝަރުތު ހަމަވި 16،923 މީހަކަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.