ބިލިއަނެއްހާ ޑޮލަރު ހަރަދު ކޮށްގެން ހަދަން ނިންމާފައިވާ މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މި މަޝްރޫއުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވުމާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 14 ކައުންސިލަރުން އިއްތިފާގުން ވަނީ މަޝްރޫއުގައި ބައިވެރިވުމަށް ފާސްކޮށްފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު ކުރިއަށް ގެންދާ ޑަޗް ޑޮކްލޭންޑް މޯލްޑިވްސްގެ ސީއީއޯ މީގެ ހަތަރު ދުވަސް ކުރިން އޭނާއާ ބައްދަލު ކުރައްވާ މި މަޝްރޫއުގައި ބައިވެރިވުމަށް ހުށަހެޅުއްވި ކަމަށެވެ. މަޝްރޫއުގައި ބައިވެރިވުމަށް ކައުންސިލުން ހުއްދަ ދިނުމާ ގުޅިގެން ޑަޗް ކުންފުނިން ފޮނުވި އެމްއޯޔޫގައި ވަރަށް އަވަހަށް ސޮއި ކުރައްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެ އުފުލަންޖެހޭ މާލީ އަދި ގާނޫނީ ބުރައެއް ނެތް ކަމަށެވެ. އެހެންކަމުން މާލެއާއި ކައިރީގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ސިޓީ ކައުންސިލުން ބައިވެރިވަނީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ލުއި ތަކެއް ކޮންމެވެސް ބަޔަކަށް ލިބޭނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.
"އަޅުގަނޑުމެންގެ އެންގަލަކަށް ވާންވީ ރައްޔިތުންނަށް ހައުސިން ސޮލިއުޝަނެއް މޫދުގައި ވިޔަސް އެއްގަމުގައި ވިޔަސް ލިބެންޔާ އެ ލިބޭ އޮޕަޗިއުނިޓީއެއް އެއީ އެންމެ ހައްގުވެރިކޮށް އެންމެ ރަނގަޅަށް ކުރެވޭ ކަމަކަށް ވާކަމަށް ވުން އެއީ އަޅުގަނޑުމެން އެންޝުއާ ކުރަން ބޭނުންވާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޑަޗް ކުންފުނިން މަޝްރޫއު ކުރިއަށް ގެންދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް އޭނާ އަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މަޝްރޫއު ހަގީގަތަކަށް ހެދޭނެ ކަމަށް އެ ކުންފުނިން ބުނާތީ މާލޭގެ ރައްޔިތުންނަށް މަޝްރޫއުގެ އެންމެ ފުރިހަމަ މައުލޫމާތު ލިބުން ވަރަށް މުހިއްމު ކަމުގައި ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގައި ޕާޓްނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލް ބައިވެރިކުރަން ޑަޗް ކުންފުނިން ބޭނުންވަނީ ފްލޯޓިން ސިޓީގައި ހަދާ ގެތަކުގެ މޮޑަލްއެއް ހެދުމަށްފަހު މާލެ ސިޓީގެ ބާރު ހިނގާ ފަޅެއްގައި އެ ގެތައް ދައްކާލަން ބޭނުންވާތީ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެ ފުރުސަތު ދޭން ވާނެ ކަމަށް ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ފްލޯޓިން ސިޓީ މަޝްރޫއު ފެއިލްވެއްޖެނަމަ އެކަން އެގޮތަށް ދިމާވީ މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ނުދީގެން ކަމަށް ބުނަން ފުރުސަތު ދޭން ބޭނުން ނުވާ ކަމަށެވެ.
"އެހެންވެ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައި މިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ގޮތެއް ހޯދުމަށް އެ މަޝްރޫއުގައި ބައިވެރިވުމަށް އެދެނީ،" ޝުޖާއު ވިދާޅުވި އެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގެ ދަށުން 5000 ފްލޯޓިން ގެ އަޅަން މިހާރު ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަަށްވާ ބައިސަން ކުންފުންޏާ ހަވާލުކޮށްފަ އެވެ. ފްލޯޓިން ސިޓީން ކުލި ނެގޭނެ އުސޫލު ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ލޯންޗް ކުރީ މިދިޔަ އަހަރުގެ މާޗް 14 ވަނަ ދުވަހު އެވެ. މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފަ އެވެ. މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.
ފެން މަތީގައި އޮންނަ، ތިމާވެއްޓާ ރަހުމަތްތެރި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެ އެެވެ.