ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުރިހަމައަށް މޮނިޓާކޮށް ދިވެހި ކަނޑުތަކަށް ވަންނަ ބޭރުގެ މަސްބޯޓުތައް މިހާރަށްވުރެ ފުރިހަމައަށް މޮނިޓާ ކުރެވެން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ގަވާއިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރާ ބޭރުގެ ބޯޓް ފަހަރު އިތުރުވަމުންދާތީ އެކަމާއި ގުޅިގެން މަސްވެރިންގެ ކަންބޮޑުވުން އިތުރުވެފައިވާތީ އެވެ. ދިވެހި މަސްވެރިން ގެންދަނީ އެފަދަ ބޯޓްތަކުގެ މައުލޫމާތު ހިއްސާކުރަމުންނެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުރިހަމައަށް މޮނިޓާކޮށް ދިވެހި ކަނޑުތަކަށް ވަންނަ ބޭރުގެ މަސްބޯޓުތައް މިހާރަށްވުރެ ފުރިހަމައަށް މޮނިޓާ ކުރެވެން ޖެހޭ ކަމަށެވެ. އަދި ދިވެހި މަސްވެރިންގެ ޝަކުވާތަކަށް ކަމާބެހޭ ވުޒާރާތަކުން މިހާރަށްވުރެ ބޮޑަަށް އިޖާބަދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ބައެއް މަސްވެރިން ބުނީ ހުސްވި ހަފުތާގައި ރާއްޖޭގެ އުތުރުން ރާއްޖޭގެ ބޯޑަރު ސަރަހައްދަށް ބޭރުގެ ހަތަރު މަސްބޯއްޓު ވަދެގެން އުޅުނު ކަމަށެވެ. އަދި މި ހަތަރު މަސްބޯއްޓުގެ ވީޑިއޯ އާންމުކޮށްފައިވެއެވެ.
"ބެލެވޭ ގޮތުގައި މި ހަތަރު މަސްބޯއްޓަކީ އެއްކުންފުންޏަކަށް ނިސްބަތްވާ ބޯއްޓުތަކެއް. ހަތަރު ބޯއްޓުގެ ވެސް ގެގަނޑާ ބޯއްޓުގެ ކުލަ އަދި ބޯއްޓުގެ ޑިޒައިން ހުރީ އެއްގޮތަކަށް. މި ހަތަރު ބޯއްޓުވެސް ރާއްޖޭގެ ސަރަހައްދުތަކުގަ ވަނީ ދާއަޅާގެން މަސް ހިފާފަ،" އިހަވަންދޫ މަސްވެރިންގެ ޕޭޖްގައި ބުނެފައިވެއެވެ.
މަސްވެރިންނަށް މިބޯއްޓުތަށް ފެނިފައިވަނީ ރާއްޖޭގެ އުތުރުން އިހަވަންދޫގެ ހަޅަނގުން 25 މޭލާ 75 މޭލާ ދެމެދުންނެވެ.
މިކަމާއި ގުޅިގެން ސިފައިން މިރޭ ބުނީ އެފަދަ ބޯޓްތައް ހުއްޓުވަން މަސައްކަތް ކުރާ ކަމަށެވެ.