މުހައްމަދު ނާޒިމް

ރައީސް ސޯލިހަށް ދައުވާ ކުރާނަން: ނާޒިމު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ގައުމުގައި ވެރިކަންކުރުމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށާއި އެމަނިކުފާނުގެ މައްޗަށް ދައުވާކުރައްވާނެ ކަމުގައި އެމްއެންޕީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މިރޭ ކާނިވާ ސަރަހައްދުގައި "ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު"ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ މި ސަރުކާރު އޮތީ ބައެއްގެ އަތްދަށުގައި ކޮމްޕްރޮމައިޒް" ވެފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮރިޝަސް އަށް ވިއްކާލީ ކޮންމެވެސް އެއްޗެއް ބަޔަކަށް ލިބިގެން ކަމަށާއި އެއީ ބޮޑު ހިޔާނާތެއް ކަމަށެވެ. އަދި ސަރުކާރު ބޮޑުތަނުން ފެއިލް ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ މައްސަލައިގައި ސަރުކާރުން ބޮޑު ގޯހެއް ހެދުމަށްފަހު އެކި ފަރާތްތަކަށް ފައިސާ ދީގެންނާއި ދައުލަތުގެ ހަޒާނާ އާއި މީޑިއާ ބޭނުންކޮށްގެން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ގޯސް ފޮރުވަމުންދާ ކަމަށެވެ.

ގައުމު މިއަދު މިއޮތް ހާލަތަށް ބަލާއިރު ރައީސް އިބްރާހިމް މުހައްމަދް ސޯލިހަށް ގައުމުގެ ވެރިކަން ކުރުމުގެ "މޯރަލް އޮތޯރިޓީ" ގެއްލިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލެއްވި އެވެ. އަދި ސަރުކާރުގައި ހުންނެވި ކަމުގައިވިޔަސް އެމަނިކްފާނާ ދެކޮޅަށް ދައުވާކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"މިފަދަ އަމަލްތައް ކުރީމަ އަޅުގަނޑުމެންނަށް ފެންނަނީ ފިނޑިކަން، ފިނޑިކަން ނޫންކަމެއް ނުފެނޭ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަނޑު ވިއްކާލަން މޮރިޝަސްއަށް ރައީސް ސޯލިހް ފޮނުއްވި ސިޓީ އަކީ ގާނޫނާ ހިލާފު ސިޓީއެއް ކަމަަށެވެ. އަދި ގައުމުގެ މަސްލަހަތާ ގުޅޭ މިފަދަ ނިންމުންތައް ނިންމުމުގެ ބާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކަނި ނިންމަވަންޖެހިވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ނޯންނާނެ ކަމަށާއި މިފަދަ ނިންމުންތަކުގައި މަޖިލީހުގެ ހުއްދަ ހޯދަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ. ކަނޑު ވިއްކާލުމުން ލިބުނު ގެއްލުންތަކުގެ ފުރިހަމަ އިހްމާލު ރައިސް ސޯލިހު ނަންގަވާ އެކަމާ ޒިންމާވާން ޖެހިވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މަދު ޑޮލަރު ކޮޅަކަށް ވިއްކާލި ކަނޑުގެ ސަރަހައްދަކީ ސުވިޒަލެންޑްހާ ބޮޑު ތަނެއް،" ނާޒިމު ވިދާޅުވި އެވެ.

ވިއްކާލި ސަރަހައްދު ސަބަބުން މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށާއި އަދި ހަމައެހެންމެ އެ ސަރަހައްދަކީ ރާއްޖެއަށް އަސްކަރީ ގޮތުންވެސް މުހިއްމު ތަނެއް ކަމުގައި ސިފައިންގެ ކުރީގެ ކާނަލް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން ޖިހާދު މިކުރަނީ ދިވެހިން އަތުން ވަގަށް ނެގި ތަން ހޯދަން،" ނާޒިމު ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުވާލި ބައި ހޯދުމަށް ކެރިގެން ނިކުންނަން ޖެހޭނެ ކަމަށާއި އެއީ ގައިމީ ވާޖިބެއް ކަމަށްވެސް ނާޒިމު ވަނީ ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދީފަ އެވެ.

"އަޅުގަނޑުމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ މިތަނުގައި... އަޅުގަނޑުމެން ގުޅިގެން މިސަރުކާރު ބަލިކޮށްލާނަން،" ނާޒިމު ވިދާޅުވި އެވެ.