މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މެނިފެސްޓޯ އެކުލަވާލުމުގައި މަސްވެރިކަމުގެ ސިނާއަތުގައި ފޯކަސް ކުރާނެ ކަންކަން އެ ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް މަސްވެރިންނާއި ހިއްސާކޮށްފި އެވެ.
ނާޒިމް އެ ކަންކަން ހިއްސާ ކުރެއްވީ މިއަދު ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ތ. އަތޮޅުގެ ގިނަ ރަށްތަކެއްގެ މަސްވެރިންނާ ބައްދަލުކުރުމަށް ފަހު އެވެ. މިއަދު ބޭއްވުނު ބައްދަލުވުމުގައި ތ. އަތޮޅުގެ ފަސް ރަށަކުން މަސްވެރިން ބައިވެރިއެވެ. އެއީ ތިމަރަފުއްޓާއި އޮމަދޫ އާއި ވަންދޫ އާއި ވޭމަންޑޫ އަދި ވިލުފުއްޓެވެ.
މި ބައްދަލުވުމުގައި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވަނީ މަސްވެރިންނަށާއި މި ސިނާއަތަށް ދިމާވެފައި ގޮންޖެހުންތައް ހައްލުކުރުމަށް އެމްއެންޕީން އަމާޒު ހިފާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަމުގެ އިގްތިސާދީ ނަފާވެރިކަން އިތުރުކުރުމުގެ ގޮތުން މަސް ގަންނަ ރޭޓް 20 ރުފިޔާއަށް އަށްވުރެ ދަށް ނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް އިންޖީނު ދޫކުރާ ބީދައިން މަސްވެރިންނަށް ރެފްރިޖެރޭޓެޑް ސީވޯޓާ ސިސްޓަމް (އާރުއެސްޑަބްލިއު) ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމާއި މަސްވެރިންނަށް ޕެންޝަން އަދި އިންޝުއަރަންސް ސްކީމެއް ގާއިމުކުރުމަށް އެމްއެންޕީގެ މެނިފެސްޓޯގައި ހިމަނާނެ ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ މަސްވެރިކަމުގައި ބޭނުންކުރުން އިތުރުކުރުމަށް ބާރުއަޅުއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެމްއެންޕީގެ މެނިފެސްޓޯގައި ހިމެނުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި މަސްވެރިކަމަށް ހާއްސަ އެން ނުވަތަ ބެއިޓް ފިޝަރީޒް އިންޑަސްޓްރީއެއް ގާއިމްކުރުމާއި މަސް ކިރުވުމަށް ހުރި ދަތިތަކަށް ހައްލުކުރުމަށްޓަކާ ފްލޯޓިން ފިޝް ފެކްޓްރީތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމު ކުރުން ހިމެނޭ ކަަމަށް ވިދާޅުވިއެވެ. އަދި ތައުލީމީ ސެޓްފިކެޓްތަކާ އެއްފަދަ މަސްވެރިކަމުގެ ދާއިރާގެ ސްކިލްޑް ބޭސްޓް ސެޓްފިކެޓް ޕްރޮގްރާމެއް ގާއިމްކޮށް މަސްވެރިން ރެޖިސްޓާކޮށް ގްރޭޑް ކުރެވޭނެ ނިޒާމެއް ގާއިމު ކުރުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އެމްއެންޕީގެ ލީޑާޝިޕް ތ. އަތޮޅަށް ކުރާ ދަތުރަކީ އެމްއެންޕީގެ މެނިފެސްޓޯ އެކުލަވާލުމަށްޓަކައި ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން އޮވެގެން ކުރާ މަސައްކަތަކަށް ހަދައި ތ. އަތޮޅުގެ ރަށްރަށުގެ ބައެއް ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް އޮޅުންފިލުވުމެވެ. އެ ޕާޓީން ބުނީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ގިނަ އަތޮޅުތަކަކަށް އެމްއެންޕީގެ ޓީމުތައް ދާނެ ކަމަށެވެ.