ދުނިޔެ

އީރާން ނިއުކްލިއާ މަޝްވަރާތައް ދުނިޔޭގެ ބާރުތަކުން ފަށައިފި

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދިއަ ނުދިނުމަށްޓަކައި ދުނިޔޭގެ ބާރުތަކުން އީރާނާއެކު އަލުން މަޝްވަރާ މޭޒުދޮށަށް ޖަމާވެއްޖެ އެވެ.

މަޝްވަރާތައް އަލުން ފެށުމަށް އިރާނަށް އެތައް ދުވަހެއް ވަންދެން ޕްރެޝަރު ކުރުމަށް ފަހު ހުޅަނގުން މިހާރު ކުރާ ސުވާލަކީ، "އީރާން ހަމަ ސިރިއަސް ހެއްހެވެ؟"

މަޝްވަރާތައް ފެށުމުގެ ކުރިން ވެސް އީރާނުން ބުނެފައި އޮތީ، އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރަނީ އަސްކަރިއްޔާއަށް ނިއުކްލިއާ ހަތިޔާރު ފޯރުކޮށްދޭން ނޫން ކަމަށާއި އެއީ މަދަނީ ބޭނުންތަކަށް، ކަރަންޓް އުފައްދަން ކުރާ މަސައްކަތެއް ކަމަށެވެ.

ނިއުކްލިއާ މަޝްވަރާތަކަށް އީރާން ސީރިއަސްތޯ ކުރި ސުވާލަށް އީރާން އޮތީ ކުރިން ވެސް ޖަވާބު ދީފަ އެވެ. އީރާން ބުނީ ހަކަތަ އުފައްދާ ފެންވަރަށް ނިއުކްލިއާ މުއްސަނދި ކުރުމަކުން ދުނިޔެއަށް އޮތް ބިރެއް ނެތް ކަމަށެވެ.

ދުނިޔޭގެ ބާރުތަކުން އީރާނާއެކު މަޝްވަރާ ކުރަނީ 2015 ގައި އެމެރިކާއިން އީރާނާއެކު ވެފައި އޮތް އެއްބަސްވުން އަލުން އިއާދަކުރުމަށެވެ.

ބާރަކް އޮބާމާގެ ޒައާމަތުގައި އީރާނާއެކު ވެފައި އޮތް އެއްބަސްވުން 2018 ގައި ޓްރަމްޕް ސަރުކާރުން ވަނީ އުވާލާފަ އެވެ.

އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑަށް ވަޑައިގެން އީރާނާއެކު ކޮންމެވެސް ޑީލެއް ހެއްދެވުމަށް މަސައްކަތް ކުރައްވާއިރު ކުރިމަތީގައި އޮތީ ނިއުކްލިއާ މައްސަލަ އެވެ. އެހެންކަމުން ބައިޑަންއަށް އޮތް އެންމެ ފަސޭހަ މަގަކީ 2015 ގައި ވެފައި އޮތް އެއްބަސްވުން އިއާދަކުރެއްވުމެވެ.

އީރާނުން ބުނަމުން ގެންދަނީ އީރާނަށް ފައިދާއެއް ނުކުރާ ގޮތަށް ކުރާނެ މަޝްވަރާއެއް ނެތް ކަމަށާއި ދަތިކުރުންތައް ހުއްޓާލައިފި ނަމަ ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކުރަން ފަސޭހަވާނެ ކަމަށެވެ.

އީރާނާއެކު އެއްބަސްވުމަށް އެމެރިކާ ދިއުމަކީ އިޒްރޭލު ވަރަށް ކަންބޮޑުވާ ކަމެކެވެ. އިޒްރޭލު ދެކޭ ގޮތުގައި އެމެރިކާއިން އީރާނަށް ލުޔެއް ދީފި ނަމަ އީރާން ހޯދާ ނުފެންނާނެ އެވެ. ނިއުކްލިއާ މުއްސަނދި ކަމުގައި މާބޮޑަށް ވެސް ކުރިއަރައި ދާނެ އެވެ.