ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ދަށުކޯޓުން އިއްވި ފަސް އަހަރުގެ ޖަލުހުކުމް ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކޮށްފި އެވެ.
ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރި އެވެ. އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް 22 އިސްތިއުނާފީ ނުކުތާއެއް ހުށަހެޅި އެވެ. ދިގު ދެމިގެން ދިޔަ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ނިންމައިލި އެވެ. ނަމަވެސް މިމަހުގެ 18 ވަނަ ދުވަހު ވަނީ އިތުރު އަޑުއެހުމެއް ބާއްވައިފަ އެވެ.
އެ އަޑުއެހުން ބާއްވާފައި ވަނީ މައްސަލައިގެ ލިޔުންތައް ދިރާސާ ކުރަމުންދިޔައިރު ޑިޕޮސިޓް ސްލިޕުން ފެންނަން އޮންނަ އެއް މިލިއަން ޑޮލަރު ޖަމާވި ޗެކް ނަންބަރާއި އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާތީ އެވެ. ދައުލަތުގެ ފަރާތުން ބުނެފައި ވަނީ އެއީ ލިޔުމުގެ ކުށަކުން ދިމާވެފައިވާ ކަމެއް ކަމަށެވެ.
ޔާމީންގެ މައްޗަށް އެ ދައުވާ އުފުލީ އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، އެސްއޯއެފްގެ ޗެކަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ތަހުގީގަށް ފާހަގަކުރެވިގެންނެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާމެދު ވަނީ ސުވާލު އުފައްދާފަ އެވެ. ސަބަބަކީ އެ ފައިސާގެ ޗެކު ނަންބަރު ތަފާތުވެފައި އޮތް އަތޮމަކީ ކްރިމިނަލް ކޯޓާއި ހައިކޯޓަށް ފާހަގަވާން ޖެހޭ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި ޗެކު ނަންބަރާ ގުޅޭގޮތުން ދައުލަތާ ސުވާލު ކުރުމުން ސާފު ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް ހުކުމްގައި ބުނެ އެވެ.
އަދި މި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދުމަށް ތަހުގީގެއް ހިންގައި އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނަމަ ދައުލަތަށް ނެގުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ހުކުމުގައި ވެއެވެ.
ކަން އެހެން އޮތް ނަމަވެސް އެ ފައިސާ ބޭނުންކުރުމުގައި ރައީސް ޔާމީން އިސްކުރައްވާފައި ވަނީ އަމިއްލަ މަންފާ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.
ރައީސް ޔާމީންގެ އެންމެ ބޮޑެތި އަދާވާތްތެރިން ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ކްރިމިނަލް ކޯޓުން ބަލައިގެންފައި ވަނީ ގޯސްކޮށް ކަމަށް ވެސް ހުކުމްގައި ވަނީ ބަޔާން ކޮށްފަ އެވެ. އެ ދެ މީހުންނަކީ މި މައްސަލައިގެ އެންމެ މުހިންމު ދެ ހެކިވެރިންނެވެ. ދައުލަތުން ތަކުރާރުކޮށް ބުނަމުން އައި އެއް ވާހަކަ އަކީ، ހެކިންގެ ގޮތުގައި ހުށަހެޅޭނީ އެކަމުގެ ތެރޭގައި އުޅޭ މީހުން ކަމަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ތަކުރާރުކޮށް ބުނަމުން އައީ ފާސިގުންގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން މި ދެ މީހުންނަކީ އެމަނިކުފާނުގެ އަދާވާތްތެރިންނަށް ވެފައިވާ ގޮތް ވަރަށް ސާފުކޮށް ކިޔައިދީފައިވާ ކަމަށާއި، އެހެންކަމުން އެ ދެމީހުންގެ ހެކިބަހާ މެދު ޝައްކު އުފެދޭ ކަމަށް ކޯޓުން ނިންމާފައިވެ އެވެ. ނަމަވެސް އެ ދެ މީހުންގެ ހެކިތަކަށް ބާރުލިބޭ އިތުރު ޝަފަހީ ހެއްކަކާއި ބައިވަރު ކިތާބީ ހެކި ހުރި ކަމަށް ކަނޑައަޅައިފައިވީ ނަމަވެސް އެ ޝަފަހީ ހެއްކަކީ ކޮބައިކަން އެނގެން ނެތް ކަން ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވެއެވެ.
އެހެންކަމުން އެ ދެމީހުންގެ ހެކިބަސް ބަލައިގަނެވޭނެ ގާނޫނީ އުސޫލެއް ނެތް ކަމާއި، މި ދެ މީހުންނަކީ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އުފުލި ދައުވާތަކަށް އިއުތިރާފްވެފައިވާ ބައެއްކަމުން އެމީހުންނަކީ ފާސިގުން ކަމަށް ބެލެވޭނެ ކަމަށް ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ރައުޔު އިއްވަމުން ވިދާޅުވެފައި ވަނީ އެސްއޯއެފްއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރުމަށް ބޭނުންކުރި އެންމެ ވަރުގަދަ އާލާތްކަމަށް ދައުލަތުން ބުނާއިރު އެސްއޯއެފްގެ މައްޗަށް ތަހުގީގެއް ހިންގާފައި ނުވާތީ ހައިރާންވާ ކަމަށެވެ.
ޔާމީން ފަސް އަހަރުގެ ޖަލު ހުކުމުން މިއަދު ސަލާމަތް ވެފައި ވަނީ މި މައްސަލައިގައި ހިމެނޭ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަމާމެދު ޝައްކު އުފެދި އަދި މުހިންމު ހެކިންތަކެއްގެ ހެކިބަސް ގޯސްކޮށް ނަގައިފައިވުމުންނެވެ. އެ ފައިސާ އަކީ ހަގީގަތް ނޭންގޭ ފައިސާއެއް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅައިފަ އެވެ.
ރައީސް ޔާމީންނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކުރި ނަމަވެސް ދައުލަތުން ވަނީ އިތުރު ދެ ދައުވާއެއް ކޮށްފަ އެވެ. އެއީ ވ. އާރަށާއި ރ. ފުއްގިރީގައި ޓޫރިޒަމް ތަރައްގީކުރަން ދޫކޮށްގެން ލިބުނު ފައިސާ ލޯންޑާ ކޮށްފައިވާ މައްސަލައިގަ އެވެ.