ވިލިމާލެ

ވިލިމާލެ ވެޓް ކްލިނިކް ބަންދުކުރަނީ

އަމިއްލަ ފަރާތްތަކުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަަށް ބޭސްފަރުވާގެ ހިދުމަތް ދިނުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ވިލިމާލޭގައި ގާއިމްކޮށްފައިވާ ވެޓް ކްލިނިކް ބަންދު ކުރަން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އަންނަ އަހަރުން ފެށިގެން އެ ކްލިނިކުން ޖަނަވާރުތަކަށް ބޭސްފަރުވާގެ ހިދުމަތް ދިނުން ރަސްމީގޮތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އޭގެ ފަހުން އެ ކްލިނިކުން ހިދުމަތްދޭނީ ސާޖަރީތައް ހަދަން އެޕޮއިންޓްމަންޓްތައް ދޫކޮށްފައިވާ ޖަނަވާރުތަކަށް އެކަނި ކަމަށެވެ.

ވެޓް ކްލިނިކްގެ ހިދުމަތް ހުއްޓާލަން ނިންމި ސަބަބު ވެސް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. އެއީ ޖަނަވާރުގެ ބޭސްފަރުވާގެ ހިދުމަތް ދިނުމަށް އަމިއްލަ ބައެއް ފަރާތްތަކުން ވެސް ވެޓެރިނަރީ ކްލިނިކް މިހާރު ގާއިމުކޮށްފައިވާތީ ކަމަށެވެ.

ވެޓް ކްލިނިކްގެ ހިދުމަތް މިހާރުވެސް އޮތީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އެއީ އެ ކްލިނިކް ހިންގާ އިމާރާތުގައި ކަތުރުފަނި އަޅައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ޢިމާރާތް މަރާމާތުކުރަމުންދާތީ އެވެ.

ވިލި މާލޭގައި ވެޓް ކްލިނިކްގެ ހިދުމަތް ދޭން ފެށީ 2019 ވަނަ އަހަރު އެވެ.