ރައީސް އަބްދުﷲ ޔާމީން

ބަޖެޓުގައި ޔާމީނަށް އެލަވަންސް ހިމަނާފައެއް ނެތް

Nov 30, 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިއަދު މިނިވަންކުރިއިރު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި އެމަނިކުފާނަށް ގާނޫނީ ގޮތުން ލިބެންޖެހޭ އެލަވަންސްތައް ހިމަނާފައެއް ނުވެ އެވެ.

ދައުލަތުގެ ބަޖެޓުގައި ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމަށް ހިމަނާފައިވަނީ ކުރީގެ ރައީސުންގެ ނަމާއި އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އެނގޭ ގޮތަށެވެ. އެގޮތުން ބަޖެޓުގައި އިނާޔަތް ދިނުމަށް ހިމަނާފައިވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް ޑރ. މުހައްމަދު ވަހީދަށެވެ. އަދި އެ ތިން ބޭފުޅުންގެ އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކޮންމެ ބޭފުޅަކަށް 175،00 ރުފިޔާ ދިނުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.

ރައީސް މައުމޫނަށް މާލީ އިނާޔާތުގެ ގޮތުގައި މަހަކު 75،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ރައީސް ނަޝީދާއި ރައީސް ވަހީދަށް ކޮންމެ ބޭފުޅަކަށް މަހަކު 50،000 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.

ކުރީގެ ރައީސުން ކަމުގައިވާ މައުމޫނާއި، ނަޝީދާ އަދި ވަހީދަށް އިނާޔަތް ދިނުމަށާއި އޮފީސް ހިންގުމަށްދޭ ޖުމްލަ ހަރަދުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުން 173.9 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ.

ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑައިގެން ޖަލަށް ވަޑައިގަތުމާ ހަމައަށް އެމަނިކުފާނަށް ދައުލަތުން އިނާޔަތާއި ރައްކާތެރިކަން ދީފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މަގާމުގައ ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް މިގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ފުރަތަމަ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. އެހެންކަމުން މިވަގުތު ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ޖިނާއީ އެއްވެސް ކުށެއް ނެތެވެ. އެކަމަކު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރިއިރު ބަޖެޓުގައި އެމަނިކުފާނަށް އިނާޔަތް ދިނުމަށް އެއްވެސް އެއްޗެއް ހިމަނާފައެއް ނުވެ އެވެ. އެހެންވެ ރައީސް ޔާމީނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމާ ގުޅޭގޮތުން ސަރުކާރުން ނިންމާފައިވާ ގޮތެއް އޮޅުން ފިލުވުމަށް ކަމާ ގުޅޭ އިދާރާތަކަށް އަވަސް އިން ގުޅި ނަމަވެސް އެއްވެސް އިދާރާ އަކުން ޖަވާބެއް ދީފައެއް ނުވެ އެވެ.