ރައީސް އަބްދުﷲ ޔާމީން

ބަންދުގައި ހުރި މުއްދަތުގެ އިނާޔަތް ހޯދަން އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ހުންނެވި މުއްދަތަށް އިނާޔަތްތައް ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ލަމާން ވަހީދު މިއަދު އަވަސްއަށް ވިދާޅުވީ ރައީސް ޔާމީން ބަންދުގައި ހުންނެވި މުއްދަތުގައި ލިބެންޖެހޭ ހުރިހާ އިނާޔަތްތަކެއް ހޯދަން ފިނޭންސް މިނިސްޓްރީއަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިދިޔަ ބުރާސްފަތު ދުވަހު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި އެކަމަށް ގޮތެއް ނުނިންމަވާ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނުގައި ވާގޮތުގައި ރައީސްކަން ކޮށްފައިވާ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދޭން ޖެހޭނެ އެވެ. ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. އަދި އިޖުތިމާއީ މަސައްކަތަކަށް އޮފީހެއް ހިންގާނަމަ އެ އޮފީހުގެ ހަރަދުތަކަށް މަހަކު ދައުލަތުގެ ބަޖެޓުން 175،000ރ. ދޭން ޖެހެ އެވެ. މީގެ އިތުރުން ވެސް ދަތުރުފަތުރުގެ ހަރަދާއި ބޭސްފަރުވާގެ ހަރަދުތައް ވެސް ހިނގާނީ ދައުލަތުގެ ބަޖެޓުންނެވެ.

ރައީސް ޔާމީނަށް ދައުލަތުގެ ބަޖެޓުން ދެމުން އައި އިނާޔަތްތައް ކަނޑައިލީ ނޮވެމްބަރު 28، 2019 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ކުށުން ސަލާމަތްވެފައި ވަނީ މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ހުކުމާއި ގުޅިގެންނެވެ. އެހެންކަމުން އެ މުއްދަތުގައި ސަރުކާރުން ދިނުން ހުއްޓައިލި އިނާޔަތްތައް އަނބުރާ ހޯދަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ޔާމީން އޭރު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނާތީ އަންނަ އަހަރަށް އެކުލަވައިލި ބަޖެޓުގައި އެމަނިކުފާނަށް ލިބެން ޖެހޭ އެއްވެސް އިނާޔަތެއް ހިމަނާފައެއް ނުވެ އެވެ.

ބަޖެޓުގައި އިނާޔަތް ދިނުމަށް ހިމަނާފައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް ޑރ. މުހައްމަދު ވަހީދަށެވެ. އަދި އެ ތިން ބޭފުޅުންގެ އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކޮންމެ ބޭފުޅަކަށް 175،00 ރުފިޔާ ދިނުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.

ރައީސް މައުމޫނަށް މާލީ އިނާޔާތުގެ ގޮތުގައި މަހަކު 75،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ރައީސް ނަޝީދާއި ރައީސް ވަހީދަށް ކޮންމެ ބޭފުޅަކަށް މަހަކު 50،000 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.

ކުރީގެ ރައީސުން ކަމުގައިވާ މައުމޫނާއި، ނަޝީދާ އަދި ވަހީދަށް އިނާޔަތް ދިނުމަށާއި އޮފީސް ހިންގުމަށްދޭ ޖުމްލަ ހަރަދުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުން 173.9 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ.

ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑައިގެން ޖަލަށް ވަޑައިގަތުމާ ހަމައަށް އެމަނިކުފާނަށް ދައުލަތުން އިނާޔަތާއި ރައްކާތެރިކަން ދީފައިވެ އެވެ. ޖަލު ހުކުމުން ސަލާމަތްވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ލިބެންޖެހޭ ރައްކާތެރިކަން ސިފައިންގެއިން މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.