ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ހުކުމާ އެކު ސުޕްރީމް ކޯޓު ކަމުދިޔައީތަ؟

Nov 30, 2021
3

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އަކީ އަބަދުވެސް ފާޑު ކިޔުން ބޮޑު ދާއިރާ އެކެވެ. އަދުލު އިންސާފު ކަށަވަރުކޮށްދިނުުމުގެ އެންމެ މުހިއްމު މަސްއޫލިއްޔަތެއް އަދާކުރާ ތަނަކީ ކޯޓުތަކެވެ. ޝަރުއީ ދާއިރާގެ ފަހު ބަސް ބުނާ ތަނަކީ ސުޕްރީމް ކޯޓު ކަމަށްވާއިރު މިދިޔަ ސަރުކާރުގެ ދުވަސްވަރު އާންމުންގެ އިތުބާރު އޮތީ ސުޕްރީމް ކޯޓަށް ގެއްލިފަ އެވެ. އަދުލު އިންސާފުގެ "ކަންފުޅެއްވެސް" ނެތް ހުކުމުތަކެއް ސުޕްރީމް ކޯޓުން އޭރު ނެރެފައިވެ އެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވި ބައެއް ފަނޑިޔާރުންގެ ރައުޔުތަކުގައި އެ ކޯޓުގެ ކުރީގެ ނިންމުންތަކާ ގުޅިގެން ލަދުވެތިވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާ އެކު އެންމެ ގިނަ ބައެއްގެ ތައުރީފް އަމާޒުވީ ސުޕްރީމް ކޯޓަށެވެ. އެންމެންނަށް މިއަދު އެންމެ ކަމުދިޔައީ ވެސް ސުޕްރީމް ކޯޓެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ދަށު ކޯޓުން ކުރި ހުކުމާއި ހައިކޯޓުން ތާއީދުކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާއެކު ރައިީސް ޔާމީނަށް ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމަށް މިވަގުތު އެއްވެސް ހުރަހެއް ނެތެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ވެސް މިވަގުތު އެމަނިކުފާނަށް ފުރުސަތު ވަނީ ލިބިފަ އެވެ.

ސުޕްރީމް ކޯޓުން ޔާމީން މިނިވަންކުރުމާ އެކު މިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިންމޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެއްވެސް ނުފޫޒަކަށް ބެލުމެއް ނެތި ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމަށް ސެލިއުޓް ކުރާ ކަމަށެވެ.

"ހަގީގަތުގައި ބައިނަލްއަގްވާމީ ނުފޫޒާއި މަޖިލީހުގެ ސުޕަމެޖޯރިޓީގެ ނުފޫޒަށް ބެލުމަށް ނެތި ސުޕްރީމް ކޯޓުން އެ ނިންމީ ސެލިއުޓް ކުރަންޖެހޭ ނިންމުމެއް،" ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރު ކަން ކުރެއްވި ޝަހީމް ވިދާޅުވި އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ އެއް ޕާޓީ، އެމްއާރްއެމް އަށް ނިސްބަތްވާ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ މިއަދު ފެނިގެން މި ދިޔައީ ސުޕްރީމް ކޯޓުގެ މިނިވަންކަން ކަމަށެވެ. މި ސަރުކާރުން ފަނޑިޔާރުން ހައްޔަރެއް ނުކުރާނެ ކަމާއި ފުރާޅުން ޓިނު ނުނަގާނެ ކަން މިއަދު ޔަގީންވެއްޖެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ސުޕްރީމް ކޯޓުގެ މިއަދު ހުކުމަކީ ވަރަށް ފުރިހަމަ ހުކުމެއް ކަމަށެވެ. އެ ހުކުމާ ގުޅިގެން ރާއްޖޭގެ މުސްތަގުބަލް އުޖާލާވެ އިސްލާމީ ޝަރީއާ ދަމަހައްޓާނެ ކަން ސުޕްރީމް ކޯޓުގެ ނިންމުމުން އެނގިއްޖެ ކަމަށްވެސް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ނިމުމުން އެނގުނީ ރައީސް ޔާމީންގެ މައުސޫމް ކަން. މިއީ އަޅުގަނޑުމެންނަށް ލިބުނު ނަސްރެއް. މި ގައުމުގެ މުސްތަގުބަލް އުޖާލާ ވާނެ ނިންމުމެއް. މިއީ ޝަރުއީ ދާއިރާ އިން ގެނެސްދިން އުއްމީދެއް. އިސްލާމީ ޝަރީއާ ދަމަހައްޓާނެ ކަން ސުޕްރީމް ކޯޓުގެ ނިންމުމުން އެނގިއްޖެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންކުރުމާ ގުޅިގެން އެމްޑީޕީގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ސިޔާސީ މީހަކަށް ވީތީ އިންސާފުން ބޭރުން ސުޕްރީމް ކޯޓުން ހުކުމެއް ނީއްވާނެ ކަން މިއަދުގެ ހުކުމާ އެކު ސާފު ވެއްޖެ ކަމަށެވެ.

"ފަނޑިޔާރުގޭގެ ހުކުމް ސާފު. ސިޔާސީ މީހަކަށް ވީތީ އިންސާފުން ބޭރުން ހުކުމެއް ނީއްވާނެ. ނީއްވޭނެ. ހުކުމުން ސާފުވީ ތަހުގީގީ އިދާރާތްތައް ހަރުދަނާކުރަންޖެހޭ ކަމާއި ދައުވާ އުފުލުމުގައި ހަރުދަނާވާންޖެހޭކަން. ބޮޑެތި ގިނަ މައްސަލަތަށް ގެއްލެނީ ތަހުގީގުކުރުމުގައި ހެދޭ ގޯސް ގިނަ ކަމުން." މޫސާ ސިރާޖު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު އިނގިރޭސި ބަހުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ނަސްރެއް ކަމަށެވެ.

ރައީސް ޔާމީނަށް ބޮޑު ބޭބެ ވިދާޅުވާ ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވާ ސުޕްރީމް ކޯޓުގެ ހުކުމުން އެނގުނީ ރައީސް ޔާމީން ގައުމަށް ހިޔާނާތްތެރި ނުވާނެ ކަން ކަމަށެވެ. ސުޕްރީމް ކޯޓުގެ ނިންމުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީން ގައުމަށް ހިޔާނާތްތެރި ނުވާނެ ކަން މިއަދު އެނގިގެން މި ދިޔައީ. އަޅުގަނޑުމެން މިތިބީ 2023 ގައި ރައީސް ޔާމީން އިންތިހާބުކުރަން. ޔާމީނަށް އަނިޔާވެރިވި މީހުންނާ ވެސް އިންސާފު ހަމަކުރާނެ،"

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންސާފުވެރިކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

"ކޯޓުތަކަށް އަތް ނުބާނާނެކަން ހާމަކޮށްދެއްވައި. އެ މަނިކުފާނު ރައްޔިތުންގެ ހިތްތަކުން ޖާގަހޯއްދަވައިފި،" ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ރައީސް ސޯލިހަށް ތައުރީފް ކުރައްވަމުން އަލީ ސޯލިހު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިއަދު ރައީސް ޔާމީން މިނިވަންކުރުމާ އެކު އިދިކޮޅު ފަރާތްތަކަށް މިވަގުތު ބޮޑު ހިތްހަމަޖެހުން އެވަނީ ލިބިފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދެ ދައުވާ އުުފުލާފައިވާތީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތްޕުޅަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ.