ރައީސް މުހައްމަދު ނަޝީދު

އެދެނީ 2023 ގައި ރިޔާސީ އިންތިހާބު ނެތުމަށް: ނަޝީދު

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނެތުމަކީ އެދިވަޑައިގަންނަވާ ގޮތް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދުގެ ވިސްނުންފުޅުން ހާމަކުރުމަށް ބާއްވަމުން ގެންދަވާ "އާސްކް ސްޕީކާ" ގައި މިރޭ ރައީސް ނަޝީދު ވަނީ އާންމުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

ރިޔާސީ އިންތިހާބުން ކާމިޔާބު ލިބޭނެތޯ އަދި 2023 ގެ އިންތިހާބުގައި އެ މަނިކުފާނު ވާދަ ކުރައްވާނެތޯ ކުރެވުނު ސުވާލުތަކަށް ސާފުކޮށް ޖަވާބު ދެއްވަން ނަޝީދު ވަނީ އިންކާރު ކުރައްވާފައެވެ. އިންތިހާބުގައި ނަަޝީދު ވާދަކުރައްވާ ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލުކުރަންތޯ ސުވާލު ކުރުމުން ނަޝީދު މުޅީހެން ދެއްކެވީ ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން މިއަދު ކޯޓުން ނިންމި ނިންމުމާއި ގުޅޭގޮތުންނެވެ.

ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުން މިއަދު ފެންނަމުންދާ މަންޒަރުތައް ހިތަށް ގެނައުން ވަރަށް މުހިންމު ކަމަށެވެ. ވެރިކަން ކުރެއްވުމަށް ފަހު ވެރިން ދިރިއުޅެން ޖެހެނީ ވަރަށް ހިތާމަވެރި ދިރިއުޅުމެއް ކަމަށާ ބައެއް ރައްޔިތުންގެ ނަޒަރުގައި އެ ގޮތަށް ދިމާވަނީ ވެރިން އަމަލު ކުރައްވާ ގޮތުން ކަމަށެވެ. ނަމަވެސް ވެރިކަން ކުރެއްވާ ކޮންމެ ބޭފުޅަކު ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއަށް 2023ގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް އެބައޮތްތޯ ސުވާލުކުުރުމުންވެސް އެ ސުވާލަކަށް ސާފު ޖަވާބެއް ނުދެއްވިއެވެ. ވިދާޅުވީ އެމަނިކުފާނު އަބަދުވެސް އުންމީދު ކުރައްވަނީ ރާއްޖޭގައި ޑިމޮކްރަޓިކް ނިޒާމެއް ގާއިމު ކުރެވި ހައްގުތައް ކަށަވަރު ކުރެވި އިންސާފު ލިބޭނެ ގޮތެއް ވެގެން ދިއުން ކަމަށެވެ. އޭގެ ފަހަށް ދެން ވިދާޅުވީ އެދެނީ ދެން ރިޔާސީ އިންތިހާބެއް ނެތުން ކަމަށެވެ.

"ދެހާސްތޭވީސްވަނަ އަހަރުގައި ރިޔާސީ އިންތިހާބެއް ނެތުމަށް އަޅުގަނޑު އެދެނީ،" ނަޝީދު ވިދާޅުވިއެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ވަނީ އަންގަވާފައެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅު ކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.