ރައީސް މުހައްމަދު ނަޝީދު

ވާދަކުރަން ހަމަހަމަ ފުރުސަތެއް ދެއްވާ: ނަޝީދު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ތާއީދުނުކުރައްވާ ކަމަށާއި ބަރުލަމާނީ ގެނައުމަށް ރައީސް ނަޝީދު ހުށައެޅުއްވި ގަރާރު އަނބުރާ ގެންދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގަތް ނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ދޭހަވާ މޭރުމުން އެމަނިކުފާނު ވާހަކަ ދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދިއުމަށް ރައީސް ސޯލިހް ގޮވާލެއްވީ އިއްޔެ ދެއްވި އިންޓަވިއެއްގައެވެ.

އެމްޑީޕީގެ ހަރުގޭގައި އޮތް ބައްދަލްވުމެއްގައި ނަޝީދު މިރޭ ވަނީ ގަރާރު އަނބުރާ ނުގެންދަވާނެ ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާ އެ ގަރާރާއި މެދު ގޮތް ނިންމަން ހަމަހަމަ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. ނަޝީދު ވަނީ ހަމަހަމަކޮށް ވާދަކުރުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި އެެމަނިކުފާނީ ކަންކަން އޮޅުވާލައްވާނެ މީހެއް ނޫން ކަމަށް ވިދާޅުވެ ކޮންމެ ބޭފުޅަކުވެސް ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ ސާފު ސާދާކޮށް ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ރުޅިވެރިކަމާ ނުލައި ހަސަދައަކާއި ނުލައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެމަނިކުފާނަކީ ބަލިވެއްޖެނަމަ ބަލި ގަބޫލު ކުރާނެ މީހެއްވެސް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށްވެސް އިލްތިމާސް ދަންނަވަން ފެއާޕްލޭ އޮންނަންް ޖެހޭނެ. ހަމަހަމަކަން މަތީގައި، އަޅުގަނޑާ ވާދަކުރައްވައިގެން ނުވާނެ އެއްކޮޅުން އޮޅުވާލައްވައިގެން. އަޅުގަނޑަކީ ކަންކަން އޮޅުވާލާ މީހެއް ނޫން. ސާފު ސާދާކޮށް ހުރިހާ ބޭފުޅުންވެސް އަޅުގަނޑާ ވާދަކުރަންވަން ޖެހޭނީ. އަދި އަޅުގަނޑަކީ ރުޅިވެރިކަމާ ނުލައި ހަސަދައަކާއި ނުލައި ހަމަ ސާދާ ގޮތުގައި ވާދަކުރަން ވަރަށް ތައްޔާރަށް ހުރި މީހެއް. އަދި އަޅުގަނޑު ބަލިވީމާ ވަރަށް ރަނގަޅަށް ބަލި ގަބޫލުކޮށް ދާވެސް މީހެއް،" ނަޝީދު މިރޭ ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް އެފަދަ ގަރާރެއް ހުށައަޅާ އެ ގަރާރު ފާސްކޮށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައެވެ.