ރައީސް މުހައްމަދު ނަޝީދު

އައްޑޫގެ ތަރައްގީއަށް ވަރަށް ބޮޑުކޮށް އުޅެންޖެހޭ: ނަޝީދު

Dec 1, 2021
2

ދިވެހިރާއްޖޭގެ ތަރައްގީއަށް ހަލުވި ދިރުމެއް ގެނެވެން އޮތީ އައްޑޫގެ ތަރައްގީ އަށް "ވަރަށް ބޮޑުކޮށް އުޅެގެން" ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އައްޑޫއާ ދޭތެރޭ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިހްމާލުވެފައިވާ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވަންތޯ "އާސްކްސްޕީކާ" ޕްރޮގްރާމުގައި އެހުންތެރިޔަކު ކްލަބްހައުސް މެދުވެރިކޮށް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެހުންތެރިޔާ ސުވާލުގައި މިސަރުކާރުގެ އިހްމާލު އޮތްތޯ އެހި ނަމަވެސް އެ ސުވާލަށް ސާފު ޖަވާބެއް ރައީސް ނަޝީދު ނުދެއްވި އެވެ. ނަމަވެސް އައްޑޫއާ ގުޅޭ ކަންކަން ލަސްވަމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ތަރައްގީ ކުރުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ތަރައްގީއަށް ހަލުވި ދިރުމެއް ގެނައުމަށްޓަކައި އައްޑޫގެ ތަރައްގީ އަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ބަޖެޓުން ވެސް ވަރަށް ބޮޑު އަދަދެއް އައްޑޫ އަށް ހަރަދު ކުރެވުނު. މަގުތަކަށްވެސް. ދެން މިހާރުވެސް ސަރުކާރުން މަގުތަކުގެ ޕްރޮޖެކްޓްތައް އެބަހުރި. ދެން އެހެންނަމަވެސް ކަންކަން ލަސްވަމުންދާ ކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަން،" ނަޝީދު ވިދާޅުވި އެވެ.

އައްޑޫގައި ރައީސް ނަޝީދުގެ އޮފީހުގެ ގޮތުގައި އޮފީހެއް ހަދާފައި ހުރި ނަމަވެސް އެ އޮފީސް ނުހިނގާތީ ވެސް ރައީސް ނަޝީދަށް ސުވާލު އަމާޒުވި އެވެ. ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެ އޮފީސް މިވަގުތު ބަންދުކޮށްފައި ހުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އެ އޮފީސް ލަސްތަކެއް ނުވެ ހިންގޭނެ ގޮތެއް ހޯދަން ވެސް ބޭނުންވާ ކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ކެމްޕޭން އޮފީހަކަށް އެތަން ހެދުމަށްވެސް މިހާރު އެދިފައިވާނެ ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން މުއާމަލާތު ކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި ކޮވިޑުގެ މައްސަލާގައި އެ އޮފީސް ނުހިންގޭ ގޮތްވީ. ދެން މިހާރު ސެކިއުރިޓީ ޑީޓެއިލްގެ މައްސަލަ އެބަޖެހޭ. އެއްތަނުން އަނެއް ތަނަށް ދާން ވަރަށް އުދަގޫ. ވަރަށް ބޮޑަށް އަޅުގަނޑު މިހުންނަނީ ބެލެހެއްޓިފައި. އަޅުގަނޑު މަރާލުމަށް ބަޔަކު މީހުން ގޮސްފައި އޮތަތީ،" އައްޑޫގައި ހުންނެވި އެމަނިކުފާނުގެ އޮފީސް ބަންދުވެފައި ހުރި ސަބަބު ހިއްސާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

މާލެ އަކީ އައްޑޫ އަށް ފަހު އެމްޑީޕީގެ އާންމު މެންބަރުން އެންމެ ގިނަ ސިޓީ އެވެ. ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅިއިރު އައްޑޫ ސިޓީގެ ގަމާވީ ކޮޅުން ހުޅުދޫއާއި މީދޫ ގުޅާލުމަށް ބްރިޖު އެޅުމަށް ފައިސާ ހިމެނުމަކީ އައްޑޫ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެ އެކަމަށް ހާއްސަ ކެމްޕޭނެއް ވެސް ކުރި މަސައްކަތެކެވެ. ނަމަވެސް ބަޖެޓް ފާސްކުރިއިރު ބްރިޖާ ގުޅޭ އެއްވެސް ފައިސާއެއް ބަޖެޓްގައި ނެތުމުން އައްޑޫގެ ބައެއް މީހުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މީގެއިތުރުން އައްޑޫގައި ހުރި ބައެއް ރިސޯޓުތައް ބަންދުކޮށްފައިވާތީ އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ގެއްލިފައިވުމާއި އައްޑޫގައި ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ބާރުއަޅަމުން ނުދާ ކަމަށް ބުނެ ވެސް އެތައް ބަޔަކު ސަރުކާރުން ފާޑުކިޔަމުންދެ އެވެ.