ރައީސް މުހައްމަދު ނަޝީދު

ޝަރީއަތް ގަބޫލުކުރަން، އުޅެނީ ސޯލިހު މުސްލިމެއްގެ ގޮތުގަައި: ނަޝީދު

އިސްލާމީ ޝަރީއަތް ފުރިހަމައަށް ގަބޫލުކުރައްވާ ކަމަށާ އެމަނިކުފާނަކީ ސޯލިހު ގޮތުގައި ދިރިއުޅެމުން އަންނަ މުސްލިމެއް ކަމަށް ވިދާޅުވެ އިސްލާމީ ދީނާ ބީރައްޓެރި ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރައްވާ މީހުންނަށް ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފި އެވެ.

ރައީސް ނަޝީދުގެ ވިސްނުންފުޅާއި ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރެއްވުމަށް "އާސްކު ސްޕީކާ" ގެ ނަމުގައި ކޮންމެ ދައުރަކު ބާއްވަމުން ގެންދަވާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ރޭ އޮތް ޕްރަގްރާމްގައި އާންމުންގެ މީހަކު ވަނީ އިސްލާމީ ޝަރީއަތުގައިވާ މަރަށް މަރު ހިފުމުގެ ހުކުމާމެދު ނަޝީދު ދެކޮޅު ހައްދަވަންތޯ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ތަފްސީލުކޮށް ޖަވާބު ދެއްވަވަމުން އެމަނިކުފާނު ވިދާޅުވީ އިސްލާމީ ޝަރީއަތުގައި މަރަށް މަރު ހިފަން ޖެހޭ ހާލަތްތަކެއް ހުންނަން ކަމަށް އެނގިވަޑައިގެންފައިވާ ކަަމަށެވެ. އަދި އެމަނިކުފާނަކީ އިސްލާމީ ޝަރީއަތް ފުރިހަމައަށް ގަބޫލު ކުރައްވާ ބޭފުޅެއް ކަަމަށް ވިދާޅުވިއެވެ.

އޭގެ ފަހަށް ދެން ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި އެމަނިކުފާނު ދިރިއުޅުއްވަނީ ސޯލިހު މުސްލިމެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ސިފަކުރެވޭ ގޮތަކަށް އެމަނިކުފާނާމެދު ދެކެވަޑައިގަތުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

"މަރަށް މަރު ހިފުން އެއީ އެކި ޝަރުއީ ނިޒާމު ނުވަތަ އެކިއެކި އުގޫބާތް ކަނޑައެޅުމުގައި އެކި ގޮތަށް އެކި ގޮތަށް އެކަން ކުރަމުން ގެންދޭ. ދެން އިސްލާމީ ޝަރީއަތުގައި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މަރަށް މަރު ހިފަން ޖެހޭ ހާލަތްތަކެއް ހުރޭ. އަޅުގަނޑަކީ އަބަދުވެސް އިސްލާމީ ޝަރީއަތް ފުރިހަމައަށް ގަބޫލުކުރާ މީހެއް. އަދި އަޅުގަނޑަކީ އަބަދުވެސް އަޅުގަނޑުގެ ނަޒަރުގައި ސޯލިހު ގޮތުގައި ދިރިއުޅެމުން އަންނަ މުސްލިމެއް. ދެން އެ ނޫން ގޮތަކަށް ސިފަވާ ގޮތަކަށް އަޅުގަނޑު ނުދެކެން އަޅުގަނޑާ ދޭތެރޭ ދެކުން އެއީ ރަނގަޅު ކަމެއް ކަމަކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަރަށް މަރު ހިފުން އެއީ އެކި ޝަރުއީ ނިޒާމު ނުވަތަ އެކިއެކި އުގޫބާތް ކަނޑައެޅުމުގައި އެކި ގޮތަށް އެކި ގޮތަށް އެކަން ކުރަމުން ގެންދޭ. ދެން އިސްލާމީ ޝަރީއަތުގައި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މަރަށް މަރު ހިފަން ޖެހޭ ހާލަތްތަކެއް ހުރޭ. އަޅުގަނޑަކީ އަބަދުވެސް އިސްލާމީ ޝަރީއަތް ފުރިހަމައަށް ގަބޫލުކުރާ މީހެއް. އަދި އަޅުގަނޑަކީ އަބަދުވެސް އަޅުގަނޑުގެ ނަޒަރުގައި ސޯލިހު ގޮތުގައި ދިރިއުޅެމުން އަންނަ މުސްލިމެއް. ދެން އެ ނޫން ގޮތަކަށް ސިފަވާ ގޮތަކަށް އަޅުގަނޑު ނުދެކެން އަޅުގަނޑާ ދޭތެރޭ ދެކުން އެއީ ރަނގަޅު ކަމެއް ކަމަކަށް
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ބައެއް ކަންކަމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު އޭރު ދެއްވަމުން ގެންދަވާ ހުކުރު ދުވަހުގެ "ރޭޑިއޯ ހިތާބު" އެއްގައި ވިދާޅުވީ އަތްކެނޑުމާއި ރަޖަމު ކުރުން ފަދަ ހުކުމްތައް ގާނޫނު އަސާސީގައި ކަނޑައެޅި ބަޔާންވެފައިވުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ދިވެހިން އެދޭ ގޮތް ނޫން ކަމަށެވެ. އެހެން ކަމުން ގާނޫނުތައް ހައްދަވާއިރު އެކަންކަމަށް ވިސްނެވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

މީގެ އިތުރުންވެސް ޑެންމާކުގައި ދެއްކެވި ވާހަކަތަކާއި އެ ނޫންވެސް ބައެއް ޕްލެޓްފޯމްތަކުގައި އިސްލާމްދީނާއި ބީރައްޓެހި ވަރަށް ގިނަ ވާހަކަތައް ނަޝީދު ދައްކަވާ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް އެމަނިކުފާނު ގެންދަވަނީ ދޭތެރެ ދޭތެރެއިން އެ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރު ހިފަން ނިންމާ އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އެކަންކަމަށް އެމްޑީޕީގެ އިސް ބޭފުޅުންގެ ފާޑުވިދާޅުވުން ވަރަށް މައްޗަށް އޮތެވެ.