ރައީސް އަބްދުﷲ ޔާމީން

ޔާމީން މިރޭ ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ

މިދިޔަ ދެ އަހަރު ޖަލު ހުކުމެއްގައި ހުންނެވުމަށް ފަހު އިއްޔެ މިނިވަންވެވަޑައިގެންނެވި ކުރީގެ ރަައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވަން ހަމަޖެހިއްޖެ އެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު އަވަސްއަށް ވިދާޅުވީ ޕީޕީއެމްގެ ޖަގަހަ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށެވެ. މި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޖަގަހަ ޖަލްސާގެ އިތުރުން ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމުގެ ތައްޔާރީތައް އެ ކޯލިޝަނުން ކުރަމުން ގެންދާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މިނިވަންވެވަޑަައިގަތުމަށް ފަހު ރޭ ގެ ވަގުތެއްގައި ރައީސް ޔާމީން ވަނީ ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕާ ބައްދަލުކުރައްވާފައެވެ. އަދި އޭގެ ފަހުން އެ ދެ ޕާޓީގެ މަޖިލީސް މެންބަރުންނާއި ރައީސް ޔާމީންގެ ވިސްނުމަށް ތާއީދުކުރާ އަމިއްލަ ބައެއް މެންބަރުންނާވެސް ބައްދަލު ކުރެެއްވިއެވެ. މި ދެ ބައްދަލްވުމުގައިވެސް އެމަނިކުފާނު މިނިވަން ކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ.

ހީނާ ވިދާޅުވީ ރައީސް ޔާމީންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާ ހާލަތަކަށް ގައުމުގެ ކަންކަން ގޮސްފައިވުމެވެ. އެހެން ކަމުން މިނިވަންކަމުގެ ދިފާއުގައި ފަށާފައިވާ ގައުމީ ހަރަކާތް އިތުރަށް ފުޅާ ކުރެއްވުމަށް އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.