އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ މަސައްކަތް މިހާރު ހުރި ގިޔަރަށްވުރެ މަތީ ގިޔަރަަކަށް ޖައްސަވާނެ ކަމަށް އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާ އެ ހާލަތު ބަދަލު ކުރުމަށް ޕީޕީއެމް އާއި ޕީއެންސީން ކުރަމުން ގެންދަނީ ޝުކުރު ހައްގު މަަސައްކަތްތަކެއް ކަމަށެވެ. މި ހާލަތުގައި ކުރެވޭނެ އެންމެ ވަރުގަދަ މަސައްކަތް ޕީޕީއެމް އާއި ޕީއެންސީން ކޮށްފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހީން ގަބޫލުކުރަމުން އައި އުސޫލުތައް ދަމަހައްޓާނެ އަދި ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ހަމައެކަނި ފިކުރަނީ ޕްރޮގްރެސިވް ކޮންގްރެސްގެ ފިކުރު ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ހާލަތު އޮތް ހިސާބުން އެކަން ދިވެހި ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ. ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ދިން ތާއީދަކީ އެކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއެކު އިދިކޮޅުގެ މަސައްކަތް އެހެން ގިޔަރަކަށް މަތިކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނާއެކީ ކެރިވަޑައިގަންނަވައިގެން މިހާތަނަށް ކުރައްވަމުން އައި މަސައްކަތް އަޅުގަނޑު އިތުރަށް މަސައްކަތް ކުރާނަމޭ. އަޅުގަނޑަށް މި ފެންނަނީ އަބަދު މި ގޮޑި [ރައީސް ޔާމީނަށް ހާއްސަކޮށް ބަހައްޓާފައިވާ ގޮޑި] ހުސްކޮށް ހުންނަތަން. ނަމަވެސް މިރެއަކީ ﷲގެ ރަހުމަތުން މިކަމަށް ބަދަލު އައި ރޭ. އެހެންވީމަ މިހިސާބުން ފެށިގެން އަޅުގަނޑުމެން ކުރަމުން އައި މަސައްކަތް މި ގިއަރުން މިއަށްވުރެ މަތީ ގިޔަރަކަށް ޖައްސާނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
މިރޭގެ ޖަލްސާއަކީ ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުގެ ސަޕޯޓަރުން ކުރި މަސައްކަތަށް ޝުކުރު ދެންނެވުމަށް ބޭއްވި ޖަލްސާއެކެވެ. އެހެން ކަމުން ޖަލްސާގައި ވާހަކަ ދެއްކެވީވެސް އެމަނިކުފާނު އެކަންޏެވެ.
"ޝުކުރިއްޔާ ރައްޔިތުން" ނަމުގައި އޮތް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ވަރުބަލި ކަމެއް ފޫހިކަމެއް ނެތި ރައްޔިތުން ކޮށްދެއްވި މަސައްކަތަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ދެ އަހަރު ދެމި ތިބީ އެއްވެސް ނާއުންމީދެއް ނެތި ފުރިހަމަ ޔަގީން ކަމުގައި ކަމަށެވެ.