ކްރިމިނަލް ކޯޓް

18 ކިލޯގެ މަސްތުވާތަކެތީގައި ހިމެނޭ އަންހެން މީހާ ދޫކޮށްލައިފި

Dec 2, 2021

ރާއްޖެ އަށް ވައިގެ މަގުން 18 ކިލޯގެ މަސްތުވާތަކެތީގެ އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ބްރެޒިލްގެ އަންހެން މީހާ ދޫކޮށްލައިފި އެވެ.

އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

މިއަންހެން މީހާއާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ބްރެޒިލްގެ އުމުރުން 28 އަހަރުގެ ފިރިހެނަކު މިދިޔަ ނޮވެމްބަރު ދެވަނަ ދުވަހު ހައްޔަރުކުރީ އެމީހުން ރާއްޖެ އައި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބި ކަސްޓަމްސް އޮފިސަރުން އެ މީހުންގެ ލަގެޖު ބަލައި ފާސްކުރުމަށްފަހު އެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 18.857 ކިލޯގެ ކޮކެއިން ފެނުނީ ފިރިހެން މީހާގެ ލަގެޖުންނެވެ. އުމުރުން 37 އަހަރުގެ އަންހެން މީހާ ކޯޓުގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ލަގެޖުގައި އެ ތަކެތި ހުރިކަން އޭނާ އަށް ނޭނގޭ ކަމަށެވެ.

ކޯޓުން މިއަދު އެއްވެސް ޝަރުތަކާ ނުލައި އެ އަންހެން މީހާ ދޫކޮށްލާފައި މިވަނީ އޭނާ ބަންދުގައި ހުންނަތާ 29 ދުވަސް ފަހުންނެވެ. މިމައްސަލާގައި ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މީގެކުރިން އޭނާ ކޯޓަށް ހާޒިރުކުރުމުން ފިރިހެން މީހާ ވެސް ވަނީ ލަގެޖުގައި ހުރި ތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް އިންކާރުކޮށްފަ އެވެ. އެކަމަކު މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުން ވަނީ ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފަ އެވެ.

ކޯޓުގައި އަންހެން މީހާ ބުނެފައިވަނީ ލަގެޖު ބަލައި ފާސްކުރީ އޭނާގެ ޣައިރު ހާޒިރުގައި ކަމަށާއި ނަމަވެސް ފިރިހެން މީހާގެ ހާޒިރުގައި ކަމަށެވެ. މަސްތުވާތަކެތި ފެނުނު ލަގެޖުގައި އޭނާގެ އަންނައުނު ހުރުމަކީ އޭނާ އަށް މަސްތުވާތަކެތީގެ ތުހުމަތުކުރަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް އަންހެން މީހާ ބުނެފައިވެ އެވެ.

މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް، އަންހެން މީހާގެ މައްސަލަ ނިންމީ އަންހެން މީހާ ހައްޔަރުކޮށްފައި ހުންނަތާ މަސް ދުވަސްވީ އިރު ވެސް މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދިފައި ނުވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ. އަދި އަންހެން މީހާގެ ޣައިރު ހާޒިރުގައި ލަގެޖު ބަލައި ފާސްކުރުމަކީ ވެސް އޭނާ ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށްވެސް ނިންމާފައިވެ އެވެ.