މޯލްޑިވްސް ކަސްޓަމްސް ސާވިސް

އަލަމްގީރް މައްސަލަ: ކަސްޓަމްސްގެ އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި

ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

އިއްޔެގެ ވަގުތެއްގައި ވަޒީފާ އިން ވަކިކޮށްފައިވަނީ ކަސްޓަމްސްގައި 26 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ޗީފް ކަސްޓަމްސް އޮފިސަރު އިބްރާހިމް ނާޒިމެވެ.

އަވަސް އަށް އިނގިފައިވާ ގޮތުގައި ނާޒިމު ވަކިކުރީ ފުލުހުންގެ އިދާރާއިން ކަސްޓަމްސްއާއި ހިއްސާކުރި މައުލޫމާތުތަކަކަށް ބިނާކޮށެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ކަސްޓަމްސްގެ އޮފިސަރެއްގެ ގޮތުގައި ހުރި ޗީފް ކަސްޓަމްސް އޮފިސަރު މަހުމޫދު ރިޔާޒު ހަ މަހާއި 20 ދުވަހަށް ޖަލަށްލުމަށްވެސް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.

އޭނާގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން ކަސްޓަމްސްގެ ވަޒީފާ އިން އޭނާ ވަކިކޮށްފައިވާ ކަމަށްވެސް އެނގިފައިވެ އެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މިހާތަނަށް ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ގާނޫނީ ވަކީލް ނާޒިމު އަބްދުއްސައްތާރާއި، ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއުގެ މައްޗަށް ކުށް ސާބިތުވެ އެ މީހުންނަށް ވަނީ ހުކުމްކޮށްފަ އެވެ. ނާޒިމަށް ތިން މަހާއި 26 ދުވަހުގެ ގޭބަންދު ހުކުމެެއް ކޮށްފައިވާއިރު އަބްދުއްރަހްމާނަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް އޭނާ އިއުތިރާފްވެފައިވާތި ދެ އަހަރާއި އަށް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. މިދައުވާތަކުގެ ކުރިން އޭނާގެ މައްޗަށް ދައުލަތުން އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަށް ވެސް އަލަމްގީރް ކުރިން އިއުތިރާފްވެފައިވެ އެެވެ. އެ ދައުވާތަކާއި ގުޅިގެން އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށްވެސް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.