ހަބަރު

ނާޒިމްގެ ގެކޮޅަށް ފުލުހުން ވަން ސަބަބު ސާފުކޮށް ދޭން ގޮވާލައިފި

Jan 18, 2015

ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމްގެ ގެކޮޅަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަންގެ ތަފްސީލް ސަރުކާރުން ހާމަކޮށްފައި ނުވާތީ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ނާޒިމް ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަންގެ ތަފްސީލް ރައްޔިތުންނަށް ސާފުކޮށްނުދިނުމަކީ އެޕާޓީން އިންތިހާއަށް ކަންބޮޑުވާކަމަށެވެ. އަދި ޑިފެންސް މިނިސްޓަރާމެދު ސަރުކާރުގެ އިތުބާރު އޮތްކަމަށް ސަރުކާރުން ބުނާއިރު ސަރުކާރުގެ ތެރޭގައި އަނެއްކާ އެހެން ސަރުކާރެއް އޮތް ކަމަށް ދޭހަވާގޮތަށް ވާހަކަދެއްކުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން، މޫނު ނިވާކޮށްގެން ތިބި ފުލުހުންތަކެއް ފޮނުވައި، ގައުމެއްގެ ދިފާއީ ވަޒީރެއް ދިރިއުޅުއްވާ ތަނެއްގެ ދޮރުތައް ރޭގަނޑުގެ މެންދަމުގެ ވަގުތެއްގައި ވައްޓާލައި އެތަނެއް ފާސްކުރާކުރުމަކީ އާދައިގެކަމެއްކަމުގައި ނުދެކޭ ކަމަށާއި އާންމު އުސޫލުން ވެސް މީހުން ދިރިއުޅޭ ގެދޮރަށް މެންދަމުގެ ވަގުތެއްގައި ދޮރުތައް ވައްޓާލައިގެން ވަނުމަށް ކޯޓު އަމުރު ފުލުހުންނަށް ދެވެންވާނީ ބޮޑު ކުށެއްގައި އެކަށީގެންވާ ހެކިތަކެއް ހުރެގެން ކަމަށެވެ.

" ކޯޓު އަމުރެއްގެ ދަށުން، މޫނު ނިވާކޮށްގެން ތިބި ފުލުހުންތަކެއް ފޮނުވައި، ޤައުމެއްގެ ދިފާއީ ވަޒީރެއް ދިރިއުޅުއްވާ ތަނެއްގެ ދޮރުތައް ރޭގަނޑުގެ މެންދަމުގެ ވަގުތެއްގައި ވައްޓައިލައި އެތަނެއް ފާސްކުރާކުރުމަކީ އާދައިގެކަމެއްކަމުގައި ނުދެކެމެވެ. ޢާންމު އުސޫލުން ވެސް މީހުން ދިރިއުޅޭ ގެދޮރަށް މިގޮތަށް މެންދަމުގެ ވަގުތެއްގައި ދޮރުތައް ވައްޓާލައިގެން ވަނުމަށް ކޯޓު އަމުރު ފުލުހުންނަށް ދެވެންވާނީ ބޮޑު ކުށެއްގައި އެކަށީގެންވާ ހެކިތަކެއް ހުރެގެންނެވެ،" އެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނެފައި ވަނީ ފުލުހުން ފާސްކުރި ދެ އެޕާޓްމެންޓް ތެރެއިން އެއް އެޕާޓްމެންޓަކީ މިނިސްޓަރު ނާޒިމްގެ އެޕާޓްމެންޓްކަން ފުލުހުންނަށް އެނގުނު ހިސާބުން އެތަން ފާސް ކުރުމުގައި ނާޒިމަށް ދޭންޖެހޭ އިހްތިރާމާއި ގަދަރު ދީފައިވާނެ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި އިންސާނީ ކަރާމަތަށް އުނިކަން ލިބޭފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް އެގެއަށް ވަނުމަށް އެކަށީގެންވާ ބާރުގެ ބޭނުން ފުލުހުން ކޮށްފައިވާނެ ކަމަށް ފުލުހުން ބުނެ އެވެ.

ޑިފެންސް މިނިސްޓަރު ދިރިއުޅުއްވާ ގެކޮޅު ފުލުހުން ފާސްކޮށްފައި ވަނީ ރޭ މެނަދްމުގެ ވަގުތެއްގައި އެވެ. އެޕާޓްމެންޓް ފާސްކުރީ ކޮން މައްސަލައަކާ ގުޅިގެން ކަން އެއްވެސް ފަރާތަކުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ.