އައިލެންޑް އޭވިއޭޝަން

އުވާލާ ކުންފުނިތަކުގެ ތެރޭ އައިލެންޑް އޭވިއޭޝަން!

އަހަރީ ފީ ނުދައްކައިގެން އުވާލަން ނިންމި ކުންފުނިތަކުގެ ތެރޭގައި އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޑެޓް ހިމެނިފައިވާތީ އެކަމާއި ގުޅިގެން އެ ކުންފުނީން އެކަމާއި ވާހަކަ ދައްކައިފި އެވެ.

އަހަރީ ފީ ނުދައްކައިގެން 3،967 ކުންފުންޏެއް އުވާލަން ނިންމައި އެކަން އިއުލާނުކޮށްފައިވަނީ އިއްޔެ އެވެ. އެ ލިސްޓްގައި އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޑެޓް ހިމެނިފައިވާކަން ސަމާލު ކަމަށް ގެނެސްފައިވަނީ ކުރީގެ އެޓާނީ ޖެނެރަލް އަހުމަަދު މުއިއްޒު އެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ އަހަރީ ފީ ނުދައްކައިގެން އުވާލާ ކުންފުނިތަކުގެ ލިސްޓް އިއްޔެ ގެޒެޓްކުރިއިރު އޭގެ ތެރޭގައި އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޑެޓް ހިމެނޭތީ އެއީ އޮޅުކަމުން ލިޔެވިފައިވާ ލިޔުމެއްތޯ ސުވާލު ކުރައްވާފަ އެވެ. މުއިއްޒު ކުރެއްވި ޓްވީޓް އެ ކުންފުނީގެ ރަސްމީ ޓްވިޓާ އެކައުންޓަށްވެސް ވަނީ ޓެގް ކޮށްފައެވެ.

އެކަމާއި ގުޅިގެން އެ ކުންފުނިން ބުނީ ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި އޮންނަ ފައިސާ ދައްކަން އޮންނަ މުއްދަތުގައި އެކުންފުނިން ފައިސާ ދައްކާފައިވާ ކަމަށެވެ.

"ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި އޮންނަ ފައިސާ ދައްކަން އޮންނަ މުއްދަތުގައި މިކުންފުނިން ވާނީ ދައްކާފައެވެ. މިކަން އެންމެހާ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާލީ،" އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ އުވާލަން ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏެއް ހިންގަން ބޭނުންނަމަ ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް ޖަނަވަރަީ 31ގެ ކުރިން ހުށައެޅުމަށެވެ.