ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެކްސިން ނުޖަހާ ނަމަ ކޮވިޑް ފަރުވާއަށް އަގުނަގާނެ

އިންޑިއާގެ ދެކުނު ކެރެލާ ސްޓޭޓްގެ ޗީފް މިނިސްޓަރު، ކޮވިޑް ވެކްސިން ޖަހަން ބޭނުން ނުވާ މީހުންނަށް ގޮތެއް ނިންމައި ދެއްވައިފި އެވެ.

އޭނާ ވިދާޅުވީ ވެކްސިން ނުޖަހާ ނަމަ ތަކުލީފު އުފުލަން ޖެހޭނީ އެމީހުން ކަމަށާއި، އެއިން މީހަކަށް ކޮވިޑް ޖެހުނަސް ހިލޭ ދޭނެ ފަރުވާއެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް ވެކްސިން ނުޖަހާ ސަބަބު، ސައްހަ ލިޔުމަކުން ހުށަނާޅާ ކޮންމެ މީހަކާ މެދު އަމަލުކުރެވޭނީ އެއް އުސޫލަކުންނެވެ. ސިއްހީ ސަބަބެއް އޮވެގެން ވެކްސިން ނުޖަހާ ނަމަ ކަމާ ގުޅޭ އިދާރާއަކުން ލިޔުމެއް ހުށަހެޅުމުން ބަލައިގަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި މުދައްރިސުންނާއި އެހެނިހެން މުވައްޒަފުން ވެސް ވެކްސިން ނުޖަހާނަމަ ސަރުކާރުން ހުއްދަކުރާ ޑޮކްޓަރު ސެޓްފިކެޓެއް ގެންޖަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަލިމަޑުކަމެއް ނުވަތަ އެލާޖީއެއްގެ ސަބަބުން ވެކްސިން ޖެހެން ނެތް ނަމަ، އެންމެ ރަނގަޅަށް އެކަން އެނގޭނެ ބަޔަކީ ޑޮކްޓަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އަކީ ކޮވިޑްގައި ވަރަށް ވަރުވި ގައުމެކެވެ. ދުނިޔެއަށް ކޮވިޑް ފެތުރިގަތް ދުވަސްވަރު، ސަލާމަތުން އޮތް އިންޑިއާ، ބަސްނޭހުމުގެ ސަބަބުން ވަނީ އޮޔަށް ދަމައިގަނެފަ އެވެ.

އިންޑިއާގައި ތިބި ގާބިލު ޑޮކްޓަރުންނާއި ތަޖުރިބާކާރުންގެ ވިސްނުމާއެކު އިންޑިއާއަށް މިހާރު ކިރިޔާ ކޮޅަށް ތެދުވެވެނީ އެވެ. އަނެއްކޮޅުން ކޮވިޑްގެ އާވައްތަރުތަކާ އެކު އިންޑިއާގައި ބިރުވެރިކަން މިހާރު ވެސް ވަނީ އުފެދިފަ އެވެ.

ސައުތު އެފްރިކާއިން ފެނިގެން އުޅޭ އޮމިކްރޯން އިންޑިއާގައި އުޅޭ ޚަބަރުތަކެއް ވެސް މިހާރު ވަނީ އާންމުވެފަ އެވެ. އިންޑިއާ އަކީ ސަރަހައްދީ އެކުވެރި ގައުމުތަކުން ވަރަށް ބަރޯސާކުރާ ގައުމަކަށް ވާއިރު، އިންޑިއާ ތެރެއިން އެހެން ގައުމުތަކަށް ފެތުރުުމަކީ ވެސް ގާތް ކަމެކެވެ.