ޑރ. އަބްދުﷲ މައުސޫމް

10 މިލިއަން ބެޑް ނައިޓްސް ހަމަވެއްޖެ، 2019 ގެ ރިކޯޑް މުގުރާލެވޭނެ: މައުސޫމް

މި އަހަރު ރާއްޖޭގައި ފަތުރުވެރިން ހޭދަކުރި ރޭތަކުގެ އަދަދު ނުވަތަ ބެޑް ނައިޓްސް 2019 ވަނަ އަހަރަށް ވުރެ އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމް މިހެން ވިދާޅުވީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭ ތަކުގެ އަދަދު 10 މިލިއަނަށް އެރުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ހަަރަކާތްތެރިވާ ފަރާތްތަކަަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގަ އެވެ.

އޭނާ ވިދާޅުވީ ބެޑް ނައިޓްސް އަދަދު 10 މިލިއަނަށް އެރުމާ އެކު 2019 ވަނަ އަަހަރުގެ ބެޑް ނައިޓްސްގެ ރެކޯޑް މި މަހުގެ މެދުތެރޭގައި މުގުރާލާނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން މިކަން ވާނެ" މައުސޫމް ވިދާޅުވި އެވެ.

ދެހާސް ނަވާރަ ވަނަ އަަހަރުގެ ބެޑް ނައިޓްސްގެ އަދަދަކީ 10.7 މިލިއަނެވެ.

ބެޑް ނައިޓްސްގެ އަދަދު 10 މިލިއަން ފަހަނަ އަޅާ ދިޔައިރު ކުރިއަށް އޮތީ ކްރިސްމަސް ޗުއްޓީ އެވެ. މިއީ ޕީކް ސީޒަން ކަމަށްވާތީ ގިނަ ބަޔަކު އަދިވެސް މި އަހަރުގެ ތެރޭގައި އަންނާނެ ކަމަށް ބެލެވެެއެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔަ ނަމަވެސް މި އަހަރު ވަނީ ފަތުރުވެރިކަން ކުރިއެކޭ އެއްގޮތަށް އިއާދަ ވާން ފަށައިފަ އެވެ. އަދި މިދިޔަ އޮކްޓޫބަރު މަހު ވަނީ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ވެސް ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.