އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނެތް ކަމަށާ އިންޑިއާ ސިފައިން ރާއްޖެއިން ފައިބާން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރުގަދަ ހަމަލާތަކެއް ދެއްވައިފި އެވެ.
ޕީޕީއެމް އާއި ޕީއެންސީން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ "އިންޑިއާ އައުޓް" ކެންޕެއިނަކީ ރާއްޖޭގެ މަދު ބަޔަކު ހިންގާ ހަރަކާތެއް ކަމަށް ބުނެ ސަރުކާރުގެ ވެރިން ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ އެ ހަރަކާތުގެ ހަގީގަތް ސާފުކޮށްދެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާއާ ދެކޮޅު ހަރަކާތަކީ ޕީޕީއެމާއި ޕީއެންސީއިން އެމަނިކުފާނުގެ އިސްނެންގެވުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. އޭގެ ފަހަށް އެމަނިކުފާނު ވަނީ އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނެތް ކަމަށާ އިންޑިއާ ސިފައިން ރާއްޖެއިން ފައިބާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ރާއްޖެ އަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާ ދިވެހީންގެ އަމަން ބަލަހައްޓަން އިންޑިއާ ސިފައިން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިންޑިއާގެ ރަހުމަތްތެރި ރައްޔިތުންނަށް އިހުތިރާމުކުރަން. އެކަމަކު އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން މިތާކު އިންޑިއާގެ ސިފައިން ތިބޭކަށް ނުޖެހޭ. އެއީ މި ސަރުކާރުގެ ހިޔާނަތްތެރި ރޭވުން. އަނެއްކާވެސް އަޅުގަނޑު ޖަލަށް ގެންދަވާ. އެހެން ނަމަވެސް މިއަދު ރަސްމީކޮށް އަޅުގަނޑު މި ބުނަނީ އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން. އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ޖާގައެއް ނެތް،" ވަރަށް ޖޯޝްގައި ވާހަކަ ދައްކަވާ ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން. އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ޖާގައެއް ނެތް. މިހާރު ރަސްމީކޮށް އަޅުގަނޑު މި ދަންނަވަނީ. ކުރީގެ ރައީސްކަން ކޮށްފައި ހުންނަ މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ. ޕީޕީއެމް އާއި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން މި ދަންނަވަނީ. އެތައް ސަތޭކަ ބަޔަކު ތަމްސީލުކުރައްވާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ މީހެއްވެސް އެންމެ ބޫޓް ޖޯޑެއްވެސް އަޅުގަނޑުމެންގެ މި ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނުވޭއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު
އިންޑިއާއިން ހަދިޔާކުރި ހެލްކޮޕްޓަރުތައް ފޮނުވާލަން ރައީސް ޔާމީން ސީރިއަސްކޮށް މަސައްކަތް ކުރެވިނަމަ އެ ތަކެތި ނުހުންނާނެ ކަމަށް ވިދާޅުވެ ޗީފް އޮފް ޑިފެންސް އަބްދުﷲ ޝަމާލު ދެއްކެވި ވާހަކަތަކަށްވެސް އެމަނިކުފާނު ރައްދު ދެއްވާފައެވެ. ޝަމާލްއަކީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން އެ ވާހަކަފުޅު ފެއްޓެވީ ކޮއްކޮއަކަށް ދެއްވާ ނަސޭހަތެއް ކަމަށް ވިދާޅުވަމުންނެވެ. ޔާމީން ވިދާޅުވީ ހެލްކޮޕްޓަރުތައް ފޮނުވާލަން ކުރެއްވި މަސައްކަތް ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގައި ހުންނާނެ ކަމަށެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ކުރީ ސަރުކާރުން ވިސާ ދީފައިނުވާނެ ކަމަށާ އެހެން ކަމުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާއި ހިލާފަށް ކަމަށް ވިދާޅުވިއެވެ. އަދި ސިފައިންގެ ޖެނެރަލުންނަށް އެމަނިކުފާނު ވަނީ އިލްތިމާސެއް ކުރައްވާފައެވެ.
"ތި ބޭފުޅުން އިހުތިރާމު ކުރަންޖެހޭނީ ތިބޭފުޅުން ދަމަހައްޓަން ޖެހޭނީ ސަރުކާރެއް ނޫން. އެއީ ތިބޭފުޅުންގެ ޒިންމާއެއް ނޫން. ތިބޭފުޅުންގެ ގާނޫނީ ޒިންމާ ވިދާޅުވޭ. ﷲ ގަންދީ ހުވާކޮށްގެން ތިތިބީ. އަޅުގަނޑުމެންގެ އިސްލާމްދީނާއި ދިވެހި ގައުމު ހިމާޔަތްކުރަން ހުވާކޮށްގެން ތިތިބީ. ތިބޭފުޅުންގެ ހުވަޔަކު ހުވަޔަކު ނޯންނާނެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ކައްސާލައިގެން ދާއިރުގައި ހިމާޔަތް ކުރާކަށް. އަދި ހާއްސަކޮށް ގާނޫނު އަސާސީގައި ލިޔެފައި އޮންނާނެ ސަލާމަތީ ދެ ބާރަށް އެއްވެސް މީހެއްގެ ގާނޫނާ ހިލާފު އަމުރެއް ނުޖެހޭނޭ ތަންފީޒު ކުރާކަށް،" ރައީސް ވިދާޅުވިއެވެ.