އަބްދުﷲ ޝާހިދު

ފަލަސްތީނު މައްސަލަ ހައްލު ނުވާތީ ޝާހިދު ކަންބޮޑުވެވަޑައިގެންފި

Dec 4, 2021

އދ.ގެ އެޖެންޑާގައި ފަލަސްތީނުގެ މައްސަލަ އޮންނަތާ 70 އަހަރުވެގެން ދިޔައިރު އެ މައްސަލަ ހައްލު ނުވެ އޮތުމަކީ ހިތާމަހުރި ކަމެއް ކަމުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެއްޖެ އެވެ.

މެދުއިރުމަތީގެ މައްސަލަތަކާ ގުޅޭ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ފަލަސްތީނާއި އިޒްރޭލާ ދެމެދު އޮތް ހަމަނުޖެހުމަށް ހައްލު ނުލިބި އޮތުމުން މުޅި އެ ސަރަހައްދުގެ އަމާންކަން އެތައް ފަހަރަކު ގެއްލިގެން ހިނގައްޖެ ކަމަށެވެ. އަދި އެ މައްސަލައިގެ ސަބަބުން އދ.ގެ އަސާސީ ތަސައްވުރު ވެސް ނުރައްކަލުގައިވާ ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށްޓަކަައި އެންމެން ގުޅިގެން އަދި އުއްމީދު ކަނޑާނުލައި އަމަލުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ފަލަސްތީނުގެ މައްސަލަ 1948 ވަނަ އަހަރުން ފެށިގެން އދ.ގެ އެޖެންޑާގައި އޮތް ހައްލެއް ނުލިބަކީ ދެރަކަމެއް ކަމުގައި ސިފަކުރެއްވި އެވެ.

"ފަލަސްތީނުގެ މައްސަލަ ވަކިން ހާއްސަކޮށް ގާޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ކާރިސާގެ ވާހަކަ ކޮންމެ އަހަރަކު އަހަރެމެން މިދަނީ ދައްކަމުން. މައްސަލަ ހައްލުކުރަން ހަމައެކަނި ދައްކާ ވާހަކަތަކަކުން ނުފުދޭނެ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އިޒުރޭލުން ވަނީ އެއްވެސް ހައްގަކާ ނުލައި ފަލަސްތީނުގެ ބިންތައް ފޭރިގަނެ ފަލަސްތީނުގެ އެތައް ހާސް ބަޔަކު ހައްޔަރުކޮށްފަ އެވެ. އެހެންކަމުން ހަމައެކަނި ވާހަކަދައްކައިގެން އެ މައްސަލަ ހައްލު ނުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ފަލަސްތީނު ރައްޔިތުންގެ އިންސާނީ ގަދަރު ހިފަހައްޓައިދޭން ވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފަލަސްތީނާއި އިޒުރޭލުގެ މައްސަލަ އަށް އޮތް ހައްލަކީ މިނިވަން ދެ ދައުލަތް އުފެއްދުން ކަމަށާއި އެކަން ކުރެވޭނީ 1967ގެ ބޯޑަރު ފަލަސްތީނާއި އިޒުރޭލުން ގަބޫލުކޮށްގެން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކަކަށް އެއްބަސްވެވޭ ހައްލެއް މައްސަލއަށް ހޯދުން އަވަސް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދޭ ޔޫ.އެން.އާރް.ޑަބްލިއުއޭގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ވެސް މިއަހަރުގެ ނިޔަލަށް ނުހުންނާނެ ކަމަށެވެ. އެހެންކަމުން ގައުމުތަކުގެ އެހީތެރިކަމަށްވެސް ގޮވާލެއްވި އެވެ.