ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާފައިވާ ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި ފުޅާކޮށް ބޮޑުކޮށްފައިވާ ކެންޕެއިން މިހާރަށްވުރެ ފުޅާކުރަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޝްވަރާ ކޮށްފި އެވެ.
އެ މަޝްވަރާ ކޮށްފައިވަނީ މިވަގުތު މާލޭގައި ތިއްބެވި ކައުންސިލަރުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާއި ބައެއް ރަށްރަށުގެ އިސް ބޭފުޅުންނާއި އެކު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިރޭ ބޭއްވެވި ބައްދަލުކުރެެއްވުމުގައެވެ.
މީޑިއާ ނެތި ބޭއްވި ބައްދަލްވުމާއި ގުޅޭގޮތުން ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ. އެގޮތުން އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.
އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމަށް ރައީސް ޔާމީން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން ޖެހޭ ކަމަށާ އެ ހަރަކާތް ފުޅާކުރައްވާނެ ކަމަށް ވަރަށް ސާފުކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ އިއުލާނު ކުރައްވާފައިވަނިކޮށެވެ. ހުކުރު ދުވަހުގެ ރޭ އޮތް އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ރައީސް ޔާމީން ވަނީ "އިންޑިއާ އައުޓް" ކެންޕެއިނަކީ ސީދާ އެމަނިކުފާނުގެ އިރުޝާދަށް އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވެސް ވިދާޅުވެފައެވެ.