ވިޔަފާރި

ކުދި ވިޔަފާރިތަކަށް ދިރާގުން ހަލުވި އިންޓަނެޓް ޕެކޭޖުތަކެއް

  • މި ޕެކޭޖުތަކުގައި 350 ޖީބީގެ އެލަވަސް ހިމެނޭ
  • އެންމެ ކުޑަ ޕެކޭޖު ގާތްގަނޑަކަށް 790ރ.އަށް ލިބޭ
  • ވިޔަފާރިތަކަށް ބޭނުން ޕެކޭޖެއް ނެގޭ

ދިރާގުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަގު ހެޔޮ، ސްޕީޑް ބާރު އިންޓަނެޓު ޕެކޭޖު ތަކެއް މިއަދު ތައާރަފުކޮށްފި އެވެ.

ދިރާގު މައި އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި ޑިރެކްޓަރު މާކެޓިން އަހުމަދު މައުމޫނު ވިދާޅުވީ މި ޕެކޭޖުތަކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ޕެކޭޖުތަކެއް ކަމަށެވެ. މި ޕެކޭޖުތައް ތައާރަފުކުރީ ކުދި ވިޔަފާރިތައް ތަރައްގީވެ، ބޭނުންތައް ބަދަލުވަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕެކޭޖުތައް ތައާރަފުކޮށްފައި މިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފަދަ ސްޕީޑާއި އަގު ހެޔޮކަން އަދި އެލަވަންސް ވެސް ހިމަނައިގެން،" މައުމޫނު ވިދާޅުވި އެވެ.

ދިރާގުން މެނޭޖާ ބްރޯޑް ބޭންޑް އެންޑް ޑޭޓާ ސާވިސަސް މުހައްމަދު ފާރިހު ވިދާޅުވި މި ޕެކޭޖުތަކުގެ އެންމެ ކުޑަ ބިޒްނަސް ޕެކޭޖަކީ ފަސް އެމްބީޕީއެސް ކަމަށާއި، އިންޓަނެޓު ސްޕީޑް 100 އެމްބީޕީއެސްގެ ލިބޭނެ ކަމަށެވެ.

"މި ހިދުމަތް ދެމުން ގެންދާނީ ފައިބަ ނެޓްވޯކް މެދުވެރިކޮށް. ދިރާގުގައި މިއޮތީ އެންމެ ބޮޑު ފައިބާ ނެޓްވޯކް ރާއްޖޭގައި. އެހެންވެ މި ހިދުމަތް ފުޅާކޮށް ދެވޭނެ،" ފާރިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕެކޭޖުތަކުގައި އެއް ޓެރަބައިޓް (ޓީބީ) ގެ އެލަވަންސް ހިމެނޭނެ ކަމަށެވެ.

"މިއީ އާއްމުކޮށް ވިޔަފާރިއެއްގައި ބޭނުންކުރާނަމަ މަސް ދުވަހު ފުދޭވަރެއް. މި އެކަށީގެންވާ ޕެކޭޖެއް. މީގެ އިތުރުން މަސް ދުވަހުގެ ތެރޭގައި ޕެކޭޖު ހުސް ވެއްޖެނަމަ އެޑް ކުރުމަށް އެޑް-އޯންސްގެ ގޮތުގައި 200 ޖީބީ ހިމެނޭ،" ފާރިހު ވިދާޅުވި އެވެ.

އަގު ކިހާ ވަރެއްގެ ހެޔޮވޭ ތަ؟

ފާރިހު ވިދާޅުވީ މި ޕެކޭޖުތައް މިހާރު ބޭނުންކުރަމުން ގެންދާ ޕެކޭޖުތަކާ އަޅާބަލާއިރު ސްޕީޑް ބާރުވެފައި، އަގު ހެޔޮވާނެ ކަމަށެވެ. މި ޕެކޭޖުތައް ތައާރަފުކުރީ ކަސްޓަމަރުންގެ "ފީޑްބެކް" ބަލާފައި ކަމަށެވެ.

"މީގައި ބޮޑަށް ވަރަށް ބެލިން ސްޕީޑަށް. ހޯމް ބްރޯޑް ބޭންޑަށް ކުރިން ގެނައި ބަދަލާ ގުޅިގެން،" ފާރިހު ވިދާޅުވި އެވެ. "ކުރިން ލިބުނު ފީޑްބެކަށް ބެލިން. މިހާރު ހުރި ޕެކޭޖުތައް ކުދި ވިޔަފާރިތަކަށް އެފޯޑް ކުރަން ތަންކޮޅެއް ދަތިކަމަށް.އެހެންވެ އެފޯޑެބިލިޓީ އަށް ބެލިން. މިހާރު އެންމެ ކުޑަ 5 އެމްބައިޓް ޕެކޭޖު 790ރ. އަށް ލިބޭނެ. ނަމަވެސް ކުރިން ކިޔަން ޖެހެނީ ހާހުން."

މައުމޫނު ވިދާޅުވީ މި ޕެކޭޖުތަކުގައި އަގު ހެޔޮވުމުގެ އިތުރަށް އިންޓަނެޓް ސްޕީޑް ބާރުވުން ވެސް ހިމެނޭނެ ކަމަށެވެ.

"މިހާރު ޕެކޭޖުގައި 488 އަން-މިނިޓެޑް ގެންގުޅުއްވާ ބޭފުޅާއަށް އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން ރިކޮމެންޑް ކުރެވޭނެ 10 އެމް ބިޒްނަސް ޕްރޯ ޕެކޭޖެއް 2،99ރ. އަށް 350 ޖީބީއާއެކު. އެހެންވެ މިއީ 1،100ރ. އަގު ހެޔޮވުމެއް. ސްޕީޑަށް ބަލާއިރު ފަސް ގުނަ މައްޗަށް ގޮސްފަ. އެލަވަންސްގެ ގޮތުގައި 350 ޖީބީއަކީ ވިޔަފާރިއަށް އެކަށީގެންވާ ވަރެއް،" މައުމޫނު ވިދާޅުވި އެވެ.

މިހާރު ހުރި ޕެކޭޖުތަކަށް ކިހިނެއް ވާނީ؟

މައުމޫނު ވިދާޅުވީ ކުދި އަދި މެދުފަންތީ ވިޔަފާރިތަކަށް ހާއްސަ މި ޕެކޭޖުތައް ތައާރަފު ކުރިނަމަވެސް ކުރިން ޕެކޭޖުތައް ގެންގުޅޭ ފަރާތްތަކުގެ އިންޓަނެޓު ޕެކޭޖުތައް އޮޓަމެޓިކުން ބަދަލު ނުވާނެ ކަމަށެވެ.

"މީގައި އަގުވެސް ތަފާތު. ޑިޒައިން ވެސް ތަފާތު. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ ވިޔަފާރިއަކުން އެ ޕެކޭޖު ބެލުމަށްފަހު ޑިސިޝަން ނެގުމަށް. އެކަމަށް އެހީތެރިކަން އަޅުގަނޑުމެން ދޭނަން،" މައުމޫނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުގެ ޕެކޭޖުތަކާ މި ޕެކޭޖާ ކޮންމެ ވެސް ވަރެއްގެ "ފަރަގެއް" ހުންނާނެ ކަމަށެވެ.

"މިހާރުގެ ގިނަ ޕެކޭޖުތައް ހުންނަނީ އަން-ލިމިޓެޑް ޕެކޭޖުތަކެއްގެ ގޮތުގައި. ނަމަވެސް މިފަހަރުގެ ހަތް ޕެކެޖުގައި ފެއާ ޔޫސްއޭޖް އެލަވަންސެއް ލާފަ. މި އެލަވަންސް ވިޔަފާރިއަށް ހުސް ނުކުރެވޭނެ. މިސާލަކަށް ބިޒްނަސް 10 އެމް ޕެކޭޖެއްގައި އެބަ ހިމަނަން 350 ޖީބީ އެލަވަންސް،" މައުމޫނު ވިދާޅުވި އެވެ.