ފިނޭންސް މިނިސްޓްރީ

ޔާމީންގެ އިނާޔަތަށް މިހަފުތާގައި ގޮތް ނިންމަނީ

Dec 6, 2021

އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ހުންނެވި މުއްދަތަށް ލިބެން ޖެހޭ އިނާޔަތުގެ ތެރެއިން 2.4 މިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށް ހުށަހަޅުއްވާފައިވާތީ މި ހަފުތާ ތެރޭގައި އެކަމުގައި ގޮތެއް ނިންމާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މުހައްމަދު ޝަނޫން ވިދާޅުވީ ޖަލުގައި ހުންނެވި ދުވަސްތަކަށް ލިބި ވަޑައިގަންނަވަންޖެހޭ އިނާޔަތުގެ ބައެއް ހަަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.

"އެހެންކަމުން އެކަމުގައި ވަކި ގޮތެއް ނިންމާ މި ހަފުތާގެ އެ ނިންމި ގޮތެއް ރައީސް ޔާމީނަށް އަންގާނެ،" ޝަނޫން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުނަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ރައީސްކަން ކޮށްފައިވާ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 50،000 ރުފިޔާ ދޭން ޖެހެ އެވެ. ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ވެސް ކޮންމެ މަހަކު 50،000 ރުފިޔާ އަދި އިޖުތިމާއީ މަސައްކަތަކަށް އޮފީހެއް ހިންގާނަމަ އެ އޮފީހުގެ ހަރަދުތަކަށް މަހަކު 175،000 ރުފިޔާ ދޭން ޖެހެ އެވެ. މީގެ އިތުރުން ވެސް ދަތުރުފަތުރުގެ ހަރަދާއި ބޭސްފަރުވާގެ ހަރަދުތައް ވެސް ހިނގާނީ ދައުލަތުގެ ބަޖެޓުންނެވެ.

ގާނޫނުގައިވާ އަދަދުތަކަށް ބަލާނަމަ ރައީސް ޔާމީން ޖަލުގައި ހުންނެވި ދެ އަހަރު ދުވަހުގެ އެލަވަންސްގެ ގޮތުގައި އެމަނިކުފާނަށް 6.6 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އެކަމަކު އެމަނިކުފާނު ހުށަހެޅުއްވީ 2.4 މިލިއަން ރުފިޔާ ހޯއްދެވުމަށެވެ.

ރައީސް ޔާމީނަށް ދައުލަތުގެ ބަޖެޓުން ދެމުން އައި އިނާޔަތްތައް ކަނޑާލީ ނޮވެމްބަރު 28، 2019 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާއިން ސަލާމަތްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެންނެވެ. އެހެންކަމުން އެ މުއްދަތުގައި ސަރުކާރުން ދިނުން ހުއްޓާލި އިނާޔަތުގެ ތެރެއިން ބައެއް އަނބުރާ ހޯދަން އެމަނިކުފާނުގެ ގާނޫނީ ޓީމުން ހުށަހެޅުއްވީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ރައީސް ޔާމީން އޭރު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދިއުމާ ގުޅިގެން އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އެމަނިކުފާނަށް ލިބެން ޖެހޭ އެއްވެސް އިނާޔަތެއް ހިމަނާފައެއް ނުވެ އެވެ. އެކަމަކު މިވަގުތު ރައީސް ޔާމީން އެއްވެސް ހުކުމެއް ތަންފީޒު ކުރައްވަމުން ނުގެންދަވާތީ ކޮންޓިންޖެންސީ ބަޖެޓުން އެމަނިކުފާނަށް އިނާޔަތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.